ފީފާގެ މޮޅު ކުޅުންތެރިޔާ ހޮވުން އަންނަ ޖަނަވަރީ މަހަށް

ރޮބާޓް ލެވަންޑޮސްކީ ފީފާގެ ބެސްޓް ޕްލޭޔާ އެވޯޑާ އެކު --- ފޮޓޯ//ލައިވްސްކޯ

ދުނިޔޭގެ ފުޓުބޯޅައާ ބެހޭ މައި އިދާރާ، ފީފާއިން ހޮވާ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު "ފީފާ ބެސްޓް އެވޯޑް" ހޮވުން ވާޗުއަލްކޮށް އަންނަ އަހަރުގެ ޖަނަވަރީ މަހު ބޭއްވުމަށް ނިންމައިފިއެވެ.

"ފްރާންސް ފުޓްބޯލް" މެގަޒިނުން ދެމުން ގެންދާ ބެލަންޑޯ އެވޯޑާ ވަކިން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ފީފާއިން ކުޅުންތެރިން ހޮވަން ފެށީ 2017 ވަނަ އަހަރުއެވެ. އެހެން ނަމަވެސް ބެލަންޑޯއަށް ލިބިފައިވާ ގަދަރު ފީފާގެ އެވޯޑަށް ނުލިބޭނެ ކަމަށް ފުޓުބޯޅައިގެ ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯއަށް އެންމެ ފުރަތަމަ 2017 ވަނަ އަހަރުގެ ފީފާ މޮޅު ކުޅުންތެރިޔާ ލިބުނު އިރު، މިދިޔަ އަހަރުގެ އެ އެވޯޑް ލިބުނީ ރޮބާޓް ލެވަންޑޮސްކީއަށެވެ. ލެވަންޑޮސްކީއަކީ މިފަހަރުގެ އެވޯޑަށް ވެސް ވާދަކުރަމުން އަންނަ ފެވަރިޓުންގެ ލިސްޓުގެ ކުރީގައި ނަން އޮތް ކުޅުންތެރިއެކެވެ.

ބަޔާންގެ ރެކޯޑް ގޯލްސްކޯރާ، ލެވަންޑޮސްކީއާ އެކު ފީފާގެ އެވޯޑަށް ދެން ވާދަކުރަނީ 2018 ވަނަ އަހަރުގެ އެވޯޑުގެ ތިންވަނަ ހޯދި ލިވަޕޫލުގެ މުހައްމަދު ސަލާހުއާއި، ފްރާންސާއި ރެއާލް މެޑްރިޑަށް މި އަހަރުތެރޭ ގިނަ ގޯލުތަކެއް ޖަހައިދިން ކަރީމް ބެންޒެމާގެ އިތުރުން ލިއޮނެލް މެސީއެވެ.

މިއަހަރުގެ މޮޅު ކުޅުންތެރިޔާއަށްދޭ މި އެވޯޑް ދިނުމުގެ ހަފްލާ އަންނަ އަހަރުގެ ޖަނަވަރީ މަހު ބާއްވަން ފީފާއިން ވަނީ ނިންމައިފައެވެ. ފީފާއިން ބުނީ އެ ހަފްލާ ބާއްވާނީ ވާޗުއަލްކޮށް ކަމަށާއި، ޔޫރޮޕުގައި އަނެއްކާވެސް ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ.

ފީފާއިން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ކޮންމެ އަހަރަކުވެސް އެންމެ މޮޅު ގޯލް ކީޕަރު އަދި އެންމެ މޮޅު ކޯޗު ވެސް ހޮވާނެއެވެ. އަދި ދުނިޔޭގެ އެންމެ މޮޅު 11 ކުޅުންތެރިން، "ފީފްޕްރޯ" ވެސް ހޮވާނެއެވެ. މި އެވޯޑްތައް އަންހެން ކުޅުންތެރިންނަށް ވެސް ފީފާއިން އަންނަނީ ދެމުންނެވެ.

މި އަހަރުގެ އެވޯޑަށް ވޯޓްލުން ފަށާނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. ވޯޓުލުން ނިންމާލާނެ ދުވަހަކަށް ފީފާއިން ކަނޑައަޅާފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ.

comment ކޮމެންޓް