ސްރީ ލަންކާގައި މިއަދު ފަށާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރަން އޮތް ސީޝެލްސް އާއި ބަންގްލަދޭޝްގެ ކުރިމަތިލުން މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ.
މުބާރާތުގެ ޝެޑިއުލުގައި އެންމެ ފުރަތަމަ މެޗަކަށް ބަންގްލަދޭޝްއާއި ސީޝެލްސް ބައްދަލު ކުރާ މެޗު ކުޅުމަށް ހަމަޖެހިފައި އޮތީ މިއަދު ހަވީރުއެވެ. އެހެން ނަމަވެސް މުބާރާތް ރަސްމީކޮށް ފަށާނީ މިރޭ ރާއްޖެއާއި ސްރީލަންކާ ބައްދަލު ކުރާ މެޗުންނެވެ.
އެހެން ނަމަވެސް ލަންކާގައި މޫސުން ގޯސްވެފައިވާތީ އެގައުމުގެ ފުޓުބޯޅަ އިދާރާއިން ވަނީ ހަވީރު ކުޅެން އޮތް ބަންގްލަދޭޝްއާއި ސީޝެލްސްގެ ކުރިމަތިލުން ފަސްކޮށްފައެވެ. ލަންކާގެ ފުޓުބޯޅަ އިދާރާއިން ބުނީ ފަސްކުރި މެޗު ދެން ކުޅޭނީ މާދަމާ ކަމަށާއި، އެހެން ނަމަވެސް ޝެޑިއުލުގައި އޮތް ގޮތަށް މިރޭ ރާއްޖެއާއި ލަންކާ ބައްދަލު ކުރާ މެޗު ކުޅޭނެ ކަމަށެވެ.
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދިނުމަށް ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގެންފައެވެ.
ލަންކާގެ ރޭސް ކޯސް ސްޓޭޑިއަމްގައި މިރޭ ފަށާ ފޯ ނޭޝަންސް ކަޕަކީ ފީފާ ކަލަންޑަރުގެ ތެރެއިން އެގައުމުގައި ބާއްވާ ފުރަތަމަ މުބާރާތެވެ. މިފަހަރުގެ މުބާރާތުގެ ފައިނަލް މެޗު މިމަހުގެ 19 ވަނަ ދުވަހަށް ތާވަލު ކޮށްފައިވާ އިރު، ފައިނަލް މެޗުގެ ހާއްސަ މެހެމާނަކަށް ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ ލަންކާއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 30،000 ޑޮލަރުގެ ފައިސާގެ އިނާމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ލަންކާ އިން އެންމެ ފުރަތަމަ ރާޖަޕަކްސަ ޓްރޮފީގެ ނަމުގައި މުބާރާތެއް ބޭއްވީ 2012 ވަނަ އަަހަރުއެވެ. އެ ފަހަރު މުބާރާތް ކުރިއަށްގެންދިޔައީ 23 އަހަރުން ދަށަށް ހާއްސަކޮށްގެންނެވެ. އެ ފަހަރު ތަށި އުފުލާލީ ރާއްޖޭގެ ޒުވާން ޓީމުންނެވެ.