ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލަށް މަޝްވަރާކުރާ ފޯރަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅައި ދިރާސާކުރަމުން އަންނަ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހާއްސަ ފޯރަމެއް ބޭއްވުމަށް މަޖިލީހުން ނިންމައިފިއެވެ.

މި ފޯރަމް ބާއްވާނީ އާންމުންނަށް ހުޅުވައިލައިގެން އާންމުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށެވެ. ރައްޔިތުންގެ މަޖިލީހުގައި މި ބިލު ދިރާސާކުރަނީ އިޖްތިމާއީ ކޮމިޓީންނެވެ.

އެ ކޮމިޓީގައި މިހާރު ކުރިއަށްދަނީ ބިލު ދިރާސާކުރުމުގެ މަސައްކަތެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ކުރިން ކަމާބެހޭ ދާއިރާތަކުގެ މަޝްވަރާ ހޯދުމަށް އެ ކޮމިޓީންވަނީ ނިންމާފައެެވެ.

އެގޮތުން ރެސްޓޯރަންޓް، ކެފޭ ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް މި ފޯރަމްގައި ބައިވެރިވުމަށް އެދި ނަން ހުށަހެޅުމުގެ ފުރުސަތުވަނީ ހުށަހަޅައިފައެވެ. ހަމައެއާއެކު ކާބޯތަކެތި އިމްޕޯޓް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ވެސް މި ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުށަހަޅައިފައެވެ.

މަޖިލީހުގެ އިދާރާއިން ވަނީ މި ފޯރަމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25ގެ ކުރިން މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މެއިލްއަށް [email protected] ނަމާއި ފޯން ނަމްބަރު މެއިލްކުުރުމަށް އެދިފައެވެ.

މި ބިލަށް ބަހުސްކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ގާނޫނާ ހިލާފަށް ރާއްޖޭގައި ކާބޯތަކެތި ތައްޔާރުކޮށް އުފައްދާ ނެރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ބިދޭސީންނާ މެދު އެޅޭ އެއްވެސް ފިޔަވަޅެއް ނެތްކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި އެކަން ހައްލުވާނެފަދަ ގޮތަކަށް ގާނޫނު ހެދުމަށް ގޮވައިލައްވާފައެވެ.

comment ކޮމެންޓް