81 މިލިއަނަށް ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުން -- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

އަށްޑިހަ އެއް މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޅ. ކުރެންދޫ އާއި، ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތެވެ.

މިލަންދޫގައި ހިންގާ މަސައްކަތަކީ 36.7 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މި މަޝްރޫގެ މަސައްކަތް 200 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫގެ ދަށުން ރަށުގެ އިރުމަތީ ފަރާތު ގޮނޑުދޮށުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި ރިވެޓްމަންޓްގެ ދެކޮޅުގައި ދެ ފައިކަށި ހަރުކުރުން ހިމެނެއެވެ.

ކުރެންދޫގައި ހިންގާ މަޝްރޫގެ މަސައްކަތުގެ ދަށުން ރަށުގެ އިރުއިތުރުން 525 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ދެކުނު ފަރާތުގައި 155 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖެހުން ހިމެނެއެވެ. މީގެ އިތުރުން ރަށުގެ އިރުދެކުނު ފަރާތުގައި 183 މީޓަރުގެ ބްރޭކްވޯޓާއެއްގެ އިތުރުން ހުޅަނގުދެކުނު ފަރާތުގައި 108 މީޓަރުގެ ބްރޭކް ވޯޓާއެއް ގާއިމްކުރުން ހިމެނެއެވެ. އަދި ދެ ސަރަހަދެއްގައި ވެސް ދެ ބްރޭކްވޯޓާ ގާއިމްކުރުން ހިމެނެއެެވެ.

ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަކީ އެއް އަހަރުގެ ތެރޭ ނިންމަން ޖެހޭ މަޝްރޫއެކެވެ. މި މަސައްކަތަށް 44.9 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

މިއަދު ވަނީ އެމްޓީސީސީއަށް ދެ ރަށެއްގެ ބަނދަރު މަސައްކަތް ވެސް ހަވާލުކޮށްފައެވެ. އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ރ، ކިނޮޅަސް އަދި ބ. ހިތާދޫ ބަނދަރުގެ މަސަައްކަތެވެ. އެ މަސައްކަތަށް 62 މިލިއަން ރުފިޔާ ހަރަދުކުރާނެއެވެ.

comment ކޮމެންޓް