މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑްކަޕުގައި އިއްޔެ ސްކޮޓްލޭންޑް އަތުން ހޯދި މޮޅާއެކު 100 އިންސައްތަ މޮޅުގެ ރެކޯޑަކާއެކު ޕާކިސްތާން ސެމީ ފައިނަލަށް ގޮސްފިއެވެ.
މި މުބާރާތުގެ މެޗުތައް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކުޅެމުން އަންނައިރު، އިއްޔެ ކުޅުނު މެޗުން ޕާކިސްތާން މޮޅުވީ 72 ލަނޑުގެ ތަފާތަކުންނެވެ. މި މޮޅާއެކު ޕާކިސްތާން ވެގެން ގޮސްފައިވަނީ މިފަހަރުގެ ވޯލްޑްކަޕުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ސެމީއަށް ދަތުރު ކުރި ފުރަތަމަ ޓީމަށެވެ. ޕާކިސްތާނުން ވަނީ މިފަަރުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން މޮޅުވެފައެވެ.
އިއްޔެގެ އެ މެޗުގައި ޓޮސް ދިމާވުމުން ޕާކިސްތާނުން ނިންމީ ކުޅެން އެރުމަށެވެ. އެ ޓީމުން ވަނީ ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 189 ލަނޑު ހަދައިފައެވެ. ޕާކިސްތާނުން އެ މެޗުގައި އެންމެ ރަނގަޅަށް ކުޅުނު ޝޮއައިބް މަލިކް ވަނީ 18 ބޯޅައިން 54 ލަނޑު ހަދައިފައެވެ.
ޖަވާބުގައި ކުޅެން ނުކުން ސްކޮޓްލޭންޑަށް 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 117 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ރިޗީ ބެރިންގްޓަންއަށް 37 ބޯޅައިން ހެދުނީ 54 ލަނޑެވެ.
މި މެޗަށް ނުކުން އިރު ވެސް ޕާކިސްތާން އޮތީ ސެމީފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. އެ ޓީމުން ވަނީ މިފަހަރުގެ މުބާރާތުގައި މިހާތަނަށް އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ އިންޑިއާއާއި، ނިއުޒީލަންޑް، އަފްޢާނިސްތާން އަދި ނަމިބިއާގެ އިތުރުން ސްކޮޓްލޭންޑެވެ.
ޕާކިސްތާނުން ސެމީ ފައިނަލުގައި ވާދަކުރާނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ. ސެމީގެ ދެން އޮތް މެޗުގައި ބައްދަލު ކުރާނީ އިންގްލޭންޑާއި ނިއުޒީލަންޑެވެ.