މިހާރު ކުރިއަށްދާ ޓީ20 ވޯލްޑް ކަޕުގައި ރޭ ކުޅުނު މެޗުން ސްރީ ލަންކާ އަތުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ވެސްޓް އިންޑީޒް މުބާރާތާއި އަލްވަދާއު ކިޔައިފިއެވެ.
ޔޫއޭއީގައި މިހާރު ކުރިއަށްދާ މި މުބާރާތުގެ ފޯރި ގަދަޔަށް ހިއްޕާލާފައިވާ އިރު، ރޭ ކުޅުނު މެޗުން ލަންކާ އަތުން ވެސްޓް އިންޑީޒް ބަލިވީ 20 ލަނޑުންނެވެ. މި މެޗުން ބަލިވެ ވެސްޓް އިންޑީޒް ކެޓިއިރު، މެޗުން މޮޅުވި ލަންކާވެސް ވަނީ މުބާރާތުން ކަޓާފައެވެ.
ރޭގެ މެޗުގެ ޓޮސް ދިމާވި ވެސްޓް އިންޑީޒްއިން ނިންމީ ހޮވުމަށެވެ. އެހެން ކަމުން އެންމެ ފުރަތަމަ ކުޅެން ނުކުންނަން ޖެހުނީ ސްރީލަންކާއިންނެވެ. އެ ޓީމު ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 189 ލަނޑު ހަދާފައެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 41 ބޯޅައިން 68 ލަނޑު ހެދި ޗަރިތު އަސަލަންކާ އާއި 41 ބޯޅައިން 51 ލަނޑު ހަމަކުރި ޕަތޫމް ނިސަންކާއެވެ.
މިފަހަރުގެ މުބާރާތުގެ އެންމެ ގިނަ ވިކެޓާއެކު ކުރީގައި އުޅެނީ މިހާރު ދުނިޔޭގެ އެއްވަނަ އުކުންތެރިޔާގެ ގޮތުގައި ރޭންކް ކޮށްފައިވާ ލަންކާގެ ހަސަރަންގާއެވެ. އޭނާއަށް މި މުބާރާތުގައި ކުރީގައި އުޅެނީ 16 ވިކެޓުންނެވެ.
ރައްދުގައި ކުޅެން ނުކުން ވެސްޓް އިންޑީޒްއަށް 20 އޯވަރު ހަމަވިއިރު އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 169 ލަނޑެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 54 ބޯޅައިން 81 ލަނޑު ހެދި ޝިމްރޮން ހިޓްމަޔާ އާއި 34 ބޯޅައިން 46 ލަނޑު ހަމަކުރި ނިކޮލަސް ޕޫރަންއެވެ.
ރޭގެ މެޗުން ބަލިވުމާއެކު ވެސްޓް އިންޑީޒް މުބާރާތުން ވަކިވާން ޖެހުނު އިރު، އެންމެ ފަހުން މި މުބާރާތް 2016 ވަނަ އަހަރު އިންޑިއާގައި ބޭއްވި ފަހަރު ވެސްޓް އިންޑީޒްއިން ތަށި އުފުލާލީ ފައިނަލުގައި އިނގިރޭސިވިލާތް ބަލިކޮށްގެންނެވެ.