ޓިގްރޭ ބާޣީން އެޑިސްއަބާބާއަށް އަރާފާނެތީ އިތިއޮޕިއާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

އަބީ އަހްމަދު

އެޑިސްއަބާބާ (4 ނޮވެމްބަރު) : އިތިއޮޕިޔާގެ ޓިގްރޭ ސަރަހައްދުގެ ބާޣީން ވެރިރަށް އެޑިސް އަބާބާއަށް އަރައި އެރަށް ހިފާނެކަމުގެ އިންޒާރު ދިނުމާއެކު އެގައުމުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.

މިއާއެކު އިތިއޮޕިއާގެ ބޮޑުވަޒީރު އަބީ އަޙްމަދު ވަނީ ވެރިރަށުގެ ދިފާއުގައި ތެދުވުމަށް އެގައުމުގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަބީ އަހްމަދު ރައްޔިތުންނަށް އިލްތިމާސް ކުރެއްވީ ގައުމުގެ ވެރިރަށުގެ ދިފާއުގައި ސިފައިންނާއެކު ރައްޔިތުން ނުކުތުމަށެވެ. ޓިގްރޭ ގެ ބާޣީން އެޑިސްއަބާބާއަށް އަރައިގެންފިނަމަ ބޮޑު ލޭއޮހޮރުވުމެއް ހިނގުމުގެ އިތުރުން ގައުމު ބައިބައިވެގެން ހިނގައިދާނެކަމުގެ އިންޒާރުވެސް އަބީ އަހްމަދު ދެއްވިއެވެ.

ޓިގްރޭ ހަނަގުރާމަވެރިންނަކީ އިތިއޮޕިއާގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތެކެވެ. އެޖަމާއަތުގެ ހަނގުރާމަވެރިންގެ އަތްދަށުން އިތިއޮޕިއާގެ ސިފައިން ބަލިވަމުންދާއިރު އެމީހުންވަނީ ވެރިރަށް އެޑިސް އަބާބާއަށް އަރައި އެރަށް ހިފާނެކަމުގެ އިންޒާރުވެސް ދީފައެވެ.

ޓިގްރޭ ބާޣީން

ޓިގްރޭ މިނިވަންކަމަށް މަސައްކަތްކުރާ އެސަރަހައްދުގެ ހަނގުރާމަވެރިން (ޓިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރަންޓް ގެ ހަނގުރާމަވެރިން) ނުވަތަ "ޓިގްރޭ ގެ ބާޣީން" އިތިއޮޕިއާގެ މައި ސަރުކާރާ ދެކޮޅަށް ހަނގުރާމަފެށީ އިތިއޮޕިޔާ ގެ ސިފައިން ޓިގްރޭ އަށްއަރައި ޓިގްރޭގައި ކުރިންއޮތް ސަރުކާރު މަގާމުން ދުރުކޮށް އެހެން ސަރުކާރެއް ޓިގްރޭގައި އުފެއްދުމުންނެވެ. ޓީގްރޭގައި އަލަށް އުފެއްދި ސަރުކާރަކީ އިތިއޮޕިޔާ ގެ މައި ސަރުކާރު ބުނާހާ ގޮތެއްހަދާ ޕަޕެޓް ސަރުކާރެއްކަމާއި އެއީ ޓިގްރޭގެ ރައްޔިތުން އުފެއްދި ސަރުކާރެއް ނޫންކަމަށް ބާޣީން ބުނެއެވެ.

މިކަމާދެކޮޅު ހެދުމުގެ ގޮތުން ޓިގްރޭގެ ހަނގުރާމަވެރިން ވަނީ އިތިއޮޕިއާ ގެ ސިފައިންނާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފަށާފައެވެ. މި ހަނގުރާމައިގާ މިހާތަނަށް ނާކާމިޔާބު ލިބެމުންދަނީ އިތިއޮޕިއާ ސިފައިންނަށެވެ. މި ނާކާމިޔާބީއާއެކު "ޓިގްރޭ ގެ ބާޣީން" ގެ އަތްދަށަށް އިތިއޮޕިއާގެ މައި ސަރުކާރުގެ ވެރިރަށް އެޑިސްއަބާބާވެސް ހިނގައިދާނެކަމުގެ ބިރު އެގައުމުގެ މައިސަރުކާރުންވެސް މިހާރުވަނީ އިހްސާސްކުރަން ފަށާފައެވެ.

އެޑިސް އަބަބާގެ ދިފާއުގައި ތެދުވުމަށް ބޮޑުވަޒީރު އަބީ އަހްމަދު ގޮވާލެއްވުމާއެކު އެސިޓީގެ ކައުންސިލުންވަނީ އެޑިސްއަބާގައި ދިރިއުޅޭ ހަނގުރާމަ ކުރެވޭފަދަ އާންމުން އެމީހެއްގެ އަތުގައިހުރި ހަތިޔާރު ދިފާއީ ވުޒާރާގައި ރަޖިސްޓަރީކުރުމަށްފަހު، ކޮންމެ ބަޔަކުވެސް އެބައަކު ދިރިއުޅޭ އަވަށުގެ ދިފާއުގައި ޓިގްރޭ ބާޣީންނާ ކުރިމަތިލާން ތައްޔާރުވެ ތިބުމަށް އިލްތމާސްކޮށްފައެވެ.

ޓިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރަންޓް ގެ ހަނގުރާމަވެރިންގެ އިންޒާރާއެކު ދުނިޔޭގެ ގައުމުތަކުންވަނީ އެޑިސްއަބާބާގައި ތިބޭ އެގައުމުތަކުގެ ޑިޕްލޮމޭޓުންގެ ހިމާޔަތުގައި މަސައްކަތް ފަށާފައެވެ. އެމެރިކާ ވަނީ އެސިޓީގައި ތިބޭ އެގައުމުގެ ޑިޕްލޮމޭޓުން އަނބުރައި ގައުމަށް ގެންދިޔުމަށް ނިންމާފައެވެ.

comment ކޮމެންޓް