ޕާކިސްތާނުން ރާއްޖެއަށް ނަސްރުގެ ދުވަހުގެ ތަހުނިޔާ އަރިސްކޮށްފި

ޕާކިސްތާނުގެ އާ ސަފީރު ވައިސް އެޑްމިރަލް އަތުހަރު މުހުތާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސަފީރުކަމުގެ ފަތްކޮޅު އަރުވަނީ -- ފޮޓޯ/ ރައީސް އޮފީސް

އަވަށްޓެރި ގައުމެއްކަމަށްވާ ޕާކިސްތާނުން ނަސްރުގެ ދުވަހުގެ ހެޔޮ އެދުންތައް ރާއްޖޭގެ ރަައްޔިތުންނަށް އަރިސްކޮށްފިއެވެ.

ނަސްރުގެ ދުވަހާ ގުޅިގެން ރާއްޖޭގައި ހުންނަ ޕާކިސްތާނު ހައިކޮމިޝަނުން ވަނީ ދުވަހުގެ ތަހުނިޔާ އަރިސްކޮށްފައެެވެ. އަދި އަބަދުވެސް ރާއްޖެއަށް ކުރިއެރުން ލިބުމަށް އެދޭކަމަށް ބުނެފައެވެ.

ނަސްތުގެ ދުވަސް މިއަދު ފާހަގަކުރާއިރު ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހާއްސަ ހިތޯބެއް ދެއްވައިފައެވެ.

އެ ހިތޯބުގައި ރައީސް ވިދާޅުވީ މިނިވަންކަމާއެކު ރާއްޖެ މިއަދު ދެމިއޮތީ 1988ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގައި ދިވެހި ސިފައިން ވީ ގުރުބާނީގެ ސަބަބުން ކަމަށެވެ.

ހަމައެހެންމެ މި ދުވަހު ދީނާއި ގައުމަށްޓަކައި ފުރާނައިން ފިދާވެދިޔަ އެތައް ސިފައިންނެއްގެ ޒިކުރާ އައުކޮށްދޭކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މިއަދަކީ ދުޝްމަނުން ދެމުންދިޔަ ވަރުގަދަ ހަމަލާތަކުގެ ކުރިމަތީގައި، ދިވެހި އަސްކަރިއްޔާގެ ހިތްވަރުގަދަ ކެރޭ ފަހުލަވާނުން، އަމާން ނުދީ ސާބިތުކަމާއެކު ހަނގުރާމަކޮށް، ދިވެހި ގައުމަށް ނަސްރު ހޯދައިދިން ދުވަސް ކަމަށެވެ.

"މިއަދު ދިވެހިރާއްޖޭގެ ކޯއްޓޭތަކުގައި، ފެއްސާއި ރަތާއި ހުދުގެ ގައުމީ ދިދަ ވިހުރެމުން އެދަނީ، އެ ދުވަހު ދިވެހި ސިފައިން ވެފައިވާ މަތިވެރި ގުރުބާނީގެ ސަބަބުން. އެ ބޭފުޅުން އެ ދުވަހު މި ގައުމަށް ދެއްކެވި ގައުމީ ނަމޫނާއަކީ، މިއަދާއި މާދަމާގެ ދަރިންވެސް، ނަމޫނާއެއްގެ ގޮތުގައި ދެކެންޖެހޭނެ، އަދި އެ ބޭފުޅުންގެ ޒިކުރާ އަބަދުވެސް އާކުރަންޖެހޭނެ މަތިވެރި ނަމޫނާއެއް،" ރައީސްގެ ހިތޯބުގައި ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ނޮވެންބަރު ތިން ވަނަ ދުވަހު ދުޝްމަނުންގެ ނިރުބަވެރިކަމުގެ ބިރުވެރި ނުރައްކަލުގެ ތެރޭގައި ވީނަމަވެސް ދިވެހިން އުންމީދު ކަނޑައިނުލާ ކަމަށެވެ. އަދި އެ ދުވަހު ދިވެހި ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ސާބިތުކޮށްދިންކަން ރައީސް ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް