އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ އަންހެން ނަރުހަކު ދަންޖެހިގެން މަރުވިކަމަށް ބުނާ މައްސަލައިގައި ޝައްކު އުފެދުމުން، ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާގެ ލޯބިވެރިޔާގެ ފޯނު ފުލުހުންގެ ތަހުގީގަށް ހިފަހައްޓައިފިއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސްގެ ފިރިމީހާ މާވިންގެ ލޯބިވެރިޔާއަކީ ދިވެެއްސެކެވެ. އަދި އޭނާއަކީ ވެސް އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހެއްކަން ވަނީ އެނގިފައެވެ.
ފުލުހުންގެ ތަހުގީގަށް އޭނާގެ ފޯނު ހިފަހައްޓައިފައިވާއިރު އޭނާ ހުރީ އައިޖީއެމްއެޗްގެ ވަޒީފާއިން ވެސް އެކަހެރިކޮށްފައެވެ.
"ސަން"އިން އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި އައިޖީއެމްއެޗްގައި މަސައްކަތްކުރާ ބައެެއް މުވައްޒަފުންނަށް ވެސް އެ ދެމީހުން ގެ ގުޅުން އެނގެއެވެ. އަދި މާވީންގެ މައްސަލައިގައި މޭރީއާއި ދިވެހި ނަރުހާ ދެމެދު ހަމަނުޖެހުން މީގެ ކުރިން ވެސް ހިނގައިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މާވީންއާއި އެ ދިވެހި ނަރުސް ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ވަރަށް ފާޅުގައިކަން ވެސް ވަނީ އެނގިފައެވެ.
މޭރީ ދަންޖެހިގެން މަރުވީކަމަށް ބުނެ ހޮސްޕިޓަލަށް ހަށިގަނޑު ގެންދިޔައީ ވެސް އޭނާގެ ފިރިމީހާއެވެ. އެއީ އޭނާ ހޮސްޕިޓަލުގައި ޑިއުޓީގައި ހުރެފައި ބްރޭކަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ.
މޭރީގެ މަރުގެ މައްސަލައިގައި ފުލުހުން މިހާތަނަށް ބުނެފައިވަނީ މީހަކު ހައްޔަރު ކޮށްފައިވާކަން އެކަންޏެވެ. އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.