ގަލޮޅު ދަނޑު ބަދަލުކޮށްލަން 55 މިލިއަން ރުފިޔާގެ ބަޖެޓެއް

އޮގަސްޓް 17، 2021: ގަލޮޅު ދަނޑު -- ސަން ފޮޓޯ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގެ ރެނދުލާފައިވާ ސިޑިބަރިތައް ތަޅާލައި، ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން އިންޑިއާގެ ލޯން އެހީގެ ތެރެއިން 55 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިފިއެވެ.

ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައި ވަނިކޮށް، މިއަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކަށް ސަޕޯޓަރުން ވަނީ ދަނޑަށް ވައްދައިފައެވެ. އެފްއޭއެމުން އޭރު ބުނީ ސާފް ޗެމްޕިއަންޝިޕް ނިމުމާ އެކު ގަލޮޅު ދަނޑުގެ ސިޑިބަރިތައް ތަޅާލާނެ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިއާ އިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީގެ ތެެރެއިން ގަލޮޅު ދަނޑުގެ ތަރައްގީ އަށް ހަރަދުކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވަނީ 45،494،505 ރުފިޔާއެވެ.

މީގެ އިތުރުން ވެސް 2023 ވަނަ އަހަރުގެ ބަޖެޓްގައި 10 މިލިއަން ރުފިޔާ ވަނީ ގަލޮޅު ދަނޑުގެ ތަރައްގީ އަށް ހިމަނައިފައެވެ. މި ލޯނަކީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ދޭ ލޯނެވެ.

އިންޑިއާގެ ލޯން އެހީގެ ދަށުން ދެން ގްރޭޓާ މާލެ ސަރަހައްދުގައި އަލަށް ފަށަން ޖެހޭ ކުޅިވަރުގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނެނީ މާލޭގައި ބާސްކެޓާއި ޓޭބަލް ޓެނިސް އަށް ވަކިން ސެންޓަރުތަކެއް ގާއިމްކުރުމާއި ހުޅުމާލޭގައި ބެޑްމިންޓަން ކޮމްޕްލެކްސް އެއް އެޅުމާއި މާލޭގައި ނެޝަނަލް ވޮލީ ކޯޓު ތަރައްގީ ކުރުމެވެ.

މިއަހަރު ކުރީކޮޅު ގެނެސްދިން ޓީވީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވީ އުއްމީދަކީ މި އަހަރުގެ ތެރޭގައި ގަލޮޅު ދަނޑުގެ މަސައްކަތް ފެށުން ކަމަށެވެ.

"(ގަލޮޅު ދަނޑުގެ) މި ދެ ފަޅި ބަންދުވެފަ އޮވެ ކުޅުމާ އަދި އެއްކޮށް މިތަން ނެތިގެން އޮތުމާ ވެސް ވަރަށް ތަފާތު. އެހެންވެގެން މި ހާލުގައި ތިބެގެން ކުރިއަށް މި ދަނީ. ވަރަށް ދަތި ދުވަސްތަކެއް މި ދަނީ ދެއްތޯ. ހަމަ ވަރަށް ލާރީގެ (ދަނޑު ހަދަން ބޭނުންވާ ފައިސާގެ) ވާހަކަ މި ދައްކަނީ. އަޅުގަނޑަށް ހީވަނީ ކުޑަ ހިސާބެއް ޖަހާލާއިރު ވެސް 20 ވަރަކަށް މިލިއަން ޑޮލަރުގެ ވާހަކަ ކަންނޭނގެ. އެހެންވީމަ އެ ތާށި އެބަހުރި،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް