ބަޖެޓު 2022: ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް ދެ ބިލިއަން ރުފިޔާ، ޖުމްލަ ހަތަރު ބިލިއަން ރުފިޔާގެ ބަޖެޓެއްް

ޖެނުއަރީ 12، 2020: ވިހިވިހީގެ ތައުލީމީ އާ އަހަރުގެ ކިޔެވުން 73،000އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ތައުލީމީ ދާއިރާގެ މަސައްކަތްތަކަށް ހަތަރު ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހުގައި ހުށަހަޅާފައިވަނީ މިއަދެވެ.

މިއަދު އަމީރު ހުށަހެޅުއްވި ބަޖެޓުގައިވާ ގޮތުން ތައުލީމީ ދާއިރާއަށް ޖުމްލަ 4،067 މިލިއަން ރުފިޔާ ވަނީ ހުށަހަޅައިފައެވެ. އެގޮތުން ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ހަރަދުތަކަށް ޖުމްލަ 2،270 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. ނޭޝަނަލް ސްޓޫޑަންޓް ލޯން އެހީއަަށް 240 މިލިއަން ރުފިޔާ ހަރަދުކުރާއިރު، ދަރިވަރުންނަށް ދޭ އެހީއަށް ހާއްސަކޮށް 170 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރުން 208 މިލިއަން ރުފިޔާ ސްކޮލަޝިޕްތަކާއި ތަމްރީންތަކަށް ހަރަދުކުރަން ވަނީ ކަނޑައަޅައިފައެވެ.

ސަރުކާރުގެ އެންމެ މުހިންމު ދެ ވައުދުގެ ތެރޭގައި ހިމެނޭ ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް 159 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާއިރު ނާސްތާ ޕްރޮގްރާމަށް 135 މިލިއަން ވަނީ ބަޖެޓުކޮށްފައެވެ.

އެހެންކަމުން 3.1 ބިލިއަން ރުފިޔާ ޕްރައިމެރީ އަދި ސާނަވީ ތައުލީމަށް ހަރަދުކުރާއިރު 949 މިލިއަން ރުފިޔާ ހަރަދުކުރާނީ މަތީ ތައުލީމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައިވާ ގޮތުގައި ދަރަނި ނުވަތަ ލޯނު އަނބުރާ ދެއްކުމަށް ކުރާ ހޭދަ އާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކާ ރައުސްމާލާ އެކު ބަޖެޓުގެ ޖުމްލަ އަކީ 36.9 ބިލިއަން ރުފިޔާއެވެ.

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 24.2 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން، މިއީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެކެވެ. އުފެއްދުންތެރިކަމުގެ ނިސްބަތުން މިއީ 11.1 ޕަސެންޓުގެ ޑެފިސިޓެކެވެ.

ބަޖެޓް ބަޔާން ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ މެދުރާސްތާގައި ފުދުންތެރި ދައުލަތެއް ބިނާކޮށް، ކޮވިޑް-19ގެ ގެއްލުންތަކުން އަރައިގަނެ، އިގްތިސާދު ފުޅާކޮށްދޭނެ ބަޖެޓެއް ކަމަށެވެ.

މީގެ އިތުރުން މިއީ އަސާސީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ދައުލަތުގެ ހިދުމަތްތައް ލާމަރުކަޒު ކުރުމާއި ސަރަހައްދީ ކުރިއެރުމަށް ފުރުސަތު ހޯދައިދޭނެ ބަޖެޓެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް