ނޮވެމްބަރު 18ގެ ކުރިން ކޮމެޓީއިން ބަޖެޓު ދިރާސާކޮށް ނިންމަނީ

މިއަދު ބޭއްވި މަޖިލިސް ޖަލްސާގެ ތެރެއިން-- ފޮޓޯ/ މަޖިލިސް

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓު، ނޮވެމްބަރު 18ގެ ކުރިން ކޮމެޓީއިން ދިރާސާކޮށް ނިންމައި، ކޮމެޓީ ރިޕޯޓު ތަޅުމަށް ލިބެން ޖެހޭނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ބަޔާން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ބަޖެޓު ބަޔާން ހުށަހަޅުއްވަނީ-- ފޮޓޯ/ މަޖިލިސް

މިނިސްޓަރު ބަޔާން ހުށަހަޅުއްވައި ނިމުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި އީވާ ވިދާޅުވީ ބަޖެޓު ކޮމެޓީ އެކުލަވާލުމަށް ފަހު، ކޮމެޓީ ބައްދަލުވުމެއް ބާއްވައި، މިއަދު ކޮމެޓީގެ މަސައްކަތް ފެށޭނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ސަރުކާރުން މަޖިލީހަށް ބަޖެޓު ހުށަހެޅުމާއި ބަޖެޓް ބަހުސް ފެށުމާ ދެމެދު ހަތް ދުވަހުގެ މުއްދަތެއް ދޭން ޖެހެއެވެ.

"މައިގަނޑު ތާރީހުތަކަކީ، 8 ނޮވެމްބަރުގައި ބަޖެޓް ބަހުސް ފެށުމަށް ފަހު، 18 ނޮވެމްބަރުގައި ބަޖެޓު ދިރާސާ ކުރާ ކޮމެޓީއިން އަޅުގަނޑުމެންނާ ހަމައަށް އަލުން އަނބުރާ ކޮމެޓީ ރިޕޯޓު ލިބެން ޖެހޭނެ. 22 ނޮވެމްބަރުގައި އެ ކޮމެޓީ ރިޕޯޓުގެ ބަހުސް، މަޖިލިސް ތަޅުމުގައި ފެށޭނެ ކަމަށް ލަފާ ކުރަނީ." އީވާ ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ-- ފޮޓޯ/މަޖިލިސް

ނޮވެމްބަރު މަސް ނިމުމުގެ ކުރިން ބަޖެޓަށް ވޯޓަށް އަހަން ޖެހޭނެ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަޅާފައިވަނީ، 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 24.2 ބިލިއަން ރުފިޔާ އެވެ. ބަޖެޓު ޑެފިސިޓް ވާނެ ކަމަށް ލަފާކޮށްފައިވަނީ 9.7 ބިލިއަން ރުފިޔާއިންނެވެ.

ދަރަނި ނުވަތަ ލޯނު އަނބުރާ ދެއްކުމަށް ކުރާ ހަރަދާއި ބޭރުގެ މާލީ އިދާރާތަކަށް ރައުސްމާލުގެ ގޮތުގައި ދައްކާ ފައިސާ ނުހިމަނައި އަންނަ އަހަރު ދައުލަތުގެ ޖުމްލަ ހަރަދަކީ 34 ބިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް