ޕުލްމޭން - މޯލްޑިވިސް އޯލް އިންކްލޫސިވް ރެސޯޓު އަދި މާކިޔުއާ މޯލްޑިވިސްއިން ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް އިންނަ ބިލްޑިންގްގައެވެ.
މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ޕުލްމޭން އަދި މާކިޔުއާ މޯލްޑިވިސްގެ އޭރިއާ ޖެނެރަލް މެނޭޖަރު ޖޯން ބެންޓްސަން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެމްއެންޔޫގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް އެވެ. އަދި މާކިޔުއާ އާއި ޕުލްމޭން ގެ ފަރާތުން ސޮއިކުރީ ޖޯން ބެންޓްސަން އެވެ.
މި އެއްބަސްވުމުގެ ދަށުން ހޮސްޕިޓާލިޓީ އަދި ޓޫރިޒަމް ދާއިރާއިން ކިޔަވަމުންދާ ކުދިންނަށް މި ދާއިރާއިން ރަނގަޅު ތަމްރީނު ލިބި ދާއިރާއިން މަސައްކަތްކުރުމަށް ގާބިލުކަން ލިބިފައިވާ ފަރުދުންނަށް ވުމުގެ ފުރުސަތުތައް އިތުރުވެގެންދާނެއެވެ.
މި ރަސްމިއްޔާތުގައި، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް ގެ ޑީން ޒީނަތު ސޯލިހް ވިދާޅުވީ މި އެއްބަސްވުން ހެދުމުން ޕުލްމޭން އަދި މާކިޔުއާގެ އެހީ އާއެކު ފަތުރުވެރިކަމުގެ ނިޒާމަށް ހޮސްޕިޓާލިޓީ އަދި ޓޫރިޒަމް ސްޓަޑީޒް ކިޔަވައިފައިވާ ކޮލެޓީ ގްރެޖުއޭޓުން ނެރެވޭނެ ކަމަށެވެ.
ހަމައެހެންމެ މި އެއްބަސްވުމާއެކީ ޔުނިވާސިޓީގެ ދަރިވަރުންގެ އިތުރުން ސްޓާފުނަށްވެސް ތަމްރީނު ލިބޭނެ ކަމަށް ޒީނަތު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖޯން ބެންޓްސަން ވަނީ މި އެއްބަސްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ނިޒާމަށް ފައިދާކުރާނެ އެއްބަސްވުމެއްކަމަށް ގަބޫލުކުރައްވާ ކަމަށާއި ރާއްޖޭގެ ހޮސްޕިޓާލިޓީ ލީޑަރުން ތަމްރީނުކުރުމަށް ފުރުސަތު ލިބޭތީ އުފާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.