ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އިދާރާއެއްކަމަށްވާ ފިޗުން ރާއްޖޭގެ ރޭޓިން ބީ ނެގެޓިވަށް މަތިކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފިޗުންވަނީ ރާއްޖޭގެ ރޭޓިން މަތިކުރިކަން ހާމަކޮށްފައެވެ. ބީ ނެގެޓިވަށް ރޭޓިން މަތިކުރުމުގެ ކުރިން ރާއްޖޭގެ ރޭޓިން ހުރި ސީސީސީގައެވެ.
ފިޗުން ބުނީ ރާއްޖޭގެ ރޭޓިން މަތިކޮށްފައިވަނީ އެ އިދާރާއިން ރާއްޖޭގެ އިގްތިސާދީ ހާލަތު އޮންނާނެ ގޮތް ލަފާކުރި ވަރަށްވުރެ އިތުރަށް އިގްތިސާދު ރަނގަޅުވެފައިވާތީކަމަށެވެ.
އެގޮތުން ކޮވިޑާއެކު ރާއްޖޭގެ ފަތުރުވެރިކަން ވަޅުޖެހިފައި އޮތުމަށްފަހު ލަފާކުރި މިންވަރަށްވުރެ އަވަސް މިނެއްގައި ކުރިއަރައިގެން އަންނަކަމަށް ފިޗުގެ ރިޕޯޓުގައި ވަނީ ބުނެފައެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ވެސް ދައުލަތުގެ ދަރަނީގެ ހާލަތު އޮންނާނެ ގޮތަކާމެދު ފިޗުން ވަނީ ސުވާލު އުފައްދައިފައެވެ.
ފިޗުން ބުނީ މި އަހަރު ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު ކޮވިޑުގެ ހާލަތުގެ ކުރިން އައި މިންވަރާ 70 ޕަސެންޓަށް އަަރައި ގާތްކުރަމުން އަންނަކަމަށެވެ. އަދި ފަތުރުވެރިން ހޭދަކުރާ ބެޑް ނައިޓްގެ އަދަދު އަވަސް މިނެއްގައި އިތުރުވަމުން އަންނަ އިރު މިހާރު ކުރިން ހޭދަކުރާ އަދަދަށްވުރެ ތިން ރޭ އެވްރެޖްކޮށް އިތުރުވެެފައިވާކަމަށް ފިޗުން ބުންޏެވެ.
އެއާއެކު އެ އިދާރާއިން ވަނީ ކޮވިޑުގެ ހާލަތު ދުނިޔޭގައި އަލުން ގޯސްވެއްޖެނަމަ ރާއްޖޭގެ އިގްތިސާދަށް އަލުން ހީނަރުކަމެއް އަތުވެދާނެކަމުގެ ބިރު ފާޅުކޮށްފައެވެ.
ފިޗުން ވަނީ ރާއްޖޭގެ ޖީޑީޕީ މި އަހަރު 29.4 ޕަސެންޓު ކުރިއަރާނެކަމަށް ލަފާކޮށްފައެވެ. އަދި އަންނަ އަހަރު 10 ޕަސެންޓު ކުރިއަރާނެކަމަށް ވެސް ލަފާކޮށްފައެވެ. ހަމައެއާއެކު އިގްތިސާދީ ހާާލަތު ކުރިއަރައިދާއިރު ފަތުރުވެރިކަމަށް ބުރުލެއް ނާންނާނެހެން ކަންކަން ބައްޓަން ކުރުން މުހިންމުކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިމި އެ ތަން ބޭނުންކުރެވެން ފެށުމުން ފަތުރުވެރިން ރާއްޖެ އަންނަ އަދަދު އިތުރުވެ ހިދުމަތް ދެވޭ އަދަދު އިތުރުވާނެކަމަށް ވެސް ބުންޏެވެ. އަދި އަލަށް ހުޅުވޭ ރިސޯޓުތަކާއެކު ފަތުރުވެރިކަން ފުޅާވެގެންދާނެކަމަށް ވެސް ވަނީ ބުނެފައެވެ.
ފިޗް ރޭޓިންސް ކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭންކިން އެޖެންސީގެ ތެރެއިން އެއް އެޖެންސީއެވެ.
ކްރެޑިޓް ރޭޓިން އަކީ އިންވެސްޓަރުންނަށް އެމީހުންގެ އިންވެސްޓުމެންޓުގެ ފައިދާ ނެގޭނެ މިންވަރާއި އެ ގައުމެއްގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު އަންދާޒާ ކުރެވޭ އިންޑިކޭޓާއެކެވެ. އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ރަނގަޅު ކްރެޑިޓް ރޭޓިން އެއް މުހިއްމުވަނީ މި ސަބަބާހުރެއެވެ.