އައިލެންޑް އޭވިއޭޝަނާއި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން އުފައްދާ ފްލައިޓް ޓްރޭނިން ސްކޫލް ހިންގުމަށް އައްޑޫ އިންޓަނޭޝަނަލް އެއަޕޯޓުން ތަން ދިނުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
އެ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ ތިން އަހަރުގެ މުއްދަތަށެވެ.
އައްޑޫގައި ފްލައިން ސްކޫލް ހިންގާނެ ކުންފުނި އުފައްދަން ގައުމީ ޔުނިވާސިޓީ އާއި އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އިން ވަނީ މިމަހުގެ 14ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އައިލެންޑް އޭވިއޭޝަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް މީގެ ކުރިން "ސަން" އަށް ވިދާޅުވީ އެ ސްކޫލްގެ ކިޔެވުން ޑިސެމްބަރު މަހުގެ ކުރިން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން އެމްއެންޔޫގެ ހިތަދޫ ކެމްޕަހުގައި އެސްކޫލްގެ ތިއަރީ ކްލާސްތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާއިރު، ޕްރެކްޓިކަލް ކްލާސްތައް ކުރިއަށް ގެންދާނީ ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ކަމަށް މޫސާ ވަސީމް ވިދާޅުވިއެވެ.