އާދިއްތަ ދުވަހު ބަޖެޓު ހުށަހަޅަން ހާއްސަ ޖަލްސާއެއްް

އޮގަސްޓް 27، 2020: މާލިއްޔަތު ކޮމެޓީއަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ހުށަހެޅުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ވަނީ އާދިއްތަ ދުވަހު ބަޖެޓު ހުށަހަޅާނެކަމަށް ވިދާޅުވެފައެވެ.

"އާދިއްތަ ދުވަހުގެ ޖަލްސާގައި މާލީ ވަޒީރު އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައިދެއްވާނެ،" އީވާ ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުން ހުށަހަޅައި ބަޖެޓަކީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެގޮތުން އަންނަ އަހަރު ވެސް އެންމެ ބޮޑު ހަރަދެއް ރިކަރެންޓް ހަރަދުތަކަށް ހިނގާނެކަމަށް ލަފާކުރެވެއެވެ. އަދި އަންނަ އަހަރު ފެށިގެން މިނިމަމް ވޭޖް ދޭން ފަށާއިރު މިއީ ވެސް ބަޖެޓަށް ހަރަދުތަކެއް އިތުރުވާނެ ކަމެކެވެ.

އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 23 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް މީގެ ކުރިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެންމެ ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ލަފާކޮށްފައިވަނީ ޓެކްސްގެ ތެރެއިންނެވެ.

މި އަހަރު ދައުލަތުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

comment ކޮމެންޓް