ކުރިޝް 4 ކުން ރިތިކް ކިޔާފައިވާ ލަވައެއް ފެންނާނެ

ރިތިކް ރޯޝަން

ރިތިކް ރޯޝަން ލީޑް ރޯލުން ފެނިގެންދާ ކްރިޝް ފިލްމުތަކުގެ ހަތަރު ވަނަ ފިލްމުން އޭނާގެ ލަވައެއް ފެނިގެންދާނެ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު އަދި ރިތިކްގެ ބައްޕަ، ރާކޭޝް ރޯޝަން ބުނެފިއެވެ.

ކްރިޝް ހަތަރު ވަނަ ފިލްމުން ރިތިކްގެ ލަވައެއް ފެންނާނެ ކަމަށް ރާކޭޝް ބުނީ އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައެވެ.

"މިއުޒިކަކީ މި ފިލުމުގައި ވަރަށް މުހިއްމު އެއްޗެއް. މިހާރު މި ފިލުމުގެ ވަރަށް ގިނަ މަސައްކަތްތައް އެބަ ކުރިއަށްދޭ. ރިތިކް ރޯޝަންގެ އަމިއްލަ އަޑުން ކިޔާފައިވާ ލަވައެއް ފެނިގެންދިޔުމަކީ ފޭނުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެއް،" ރާކޭޝް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އަދި ވަކި އެއްޗެއް ރިތިކް ބުނެފައިނުވި ނަމަވެސް އޭނާގެ އިންސްޓަގްރާމުން މިކަމަށް އިތުރު ހެކިތަކެއް ލިބެއެވެ.

އެގޮތުން ރިތިކް ވަނީ މިދިޔަ ލޮކްޑައުންގެ ތެރޭގައި ވެސް ވަރަށް ގިނަ ލަވަތަކެއް ކިޔާ އިންސްޓަގްރާމަށް ޕޯސްޓް ކޮށްފައެވެ.

މީގެ އިތުރުން ރިތިކް ކިޔާފައިވާ ލަވަތަކުގެ ތެރޭގައި "ޒިންދަކީ ނާ މިލޭންގީ ދޮބާރާ" އަދި ޝޯން މެންޑެސްގެ "ސެންޔެރިތާ" އާއި "ކައިޓްސް އިން ދަ ސްކައީ" ހިމެނެއެވެ.

ރިތިކް އަކީ ފިލްމު ކުޅުމުގެ އިތުރުން ލަވަ ކިޔުމަށް ވެސް ލޯބިކުރަމުން އަންނަ ފަންނާނެއްކަން އޭނާގެ އިންސްޓަގްރާމުން ހެކި ކޮށްދެއެވެ.

ހަމައެހެންމެ، ދާދި ފަހުން ރިތިކް ވަނީ ކްރިޝް ހަތަރެކާ ބެހޭގޮތުން އިންސްޓަގްރާމްގައި ޕޯސްޓެއް ޖަހާފައެވެ. ކްރިޝް އަށް މިހާރު 15 އަހަރު ފުރިފައިވާއިރު، ދެން ނެރެން ހަމަޖެހިފައިވާ ކްރިޝް ހަތަރެއް ބަލާލެވޭނެ ފުރުސަތަކަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.

ރިތިކް ގެ ފިލްމެއްގައި މީގެ ކުރިން އޭނާގެ އަމިއްލަ ލަވައެއް ފެނިފައި ނުވާއިރު މި ފިލްމުން ފެންނާނެ ކަމީ ގިނަ ބަޔަކު މި ފިލްމު ބެލުމަށް ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމެކެވެ.

comment ކޮމެންޓް