ގދ. މަޑަވެއްޔާއި އެ އަތޮޅު ހޯނޑެއްދޫ އެއްފަސްކުރުމަށް ގޮވައިލައި މަޑަވެލި ކައުންސިލުން ގަރާރެއް ފާސްކޮށްފައިވަނިކޮށް، ދެ ރަށް ބްރިޖަކުން ގުޅުވާލުމަށް ހަވާލުކޮށްފިއެވެ.
މަޑަވެއްޔާއި ހޯޑެއްދޫ ބްރިޖަކުން ގުޅުވާލަން ޕްލޭނިން މިނިސްޓްރީން މިއަދު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ)އާއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ 300 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި ޕްރޮޖެކްޓަކީ 84 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށެވެ.
އެ ޕްރޮޖެކްޓުގެ ދަށުން 223 މީޓަރުގެ ބްރިޖަކުން މަޑަވެއްޔާއި އެ އަތޮޅު ހާދޫ ގުޅައިލައި އަދި 160 މީޓަރުގެ ބްރިޖަކުން ހާދޫއާއި ހޯޑެއްދޫ ގުޅައިލާނެއެވެ. ހަމައެހެންމެ 262 މީޓަރުގެ މަގު ހެދުމަށް ވެސް ވަނީ ނިންމައިފައެވެ.
ބްރިޖު ހަދަން ހަވާލުކޮށްފައިވާއިރު، މި މަހުގެ 24 ވަނަ ދުވަހު މަޑަވެލި ކައުންސިލުން ވަނީ މަޑަވެއްޔާއި ހޯޑެއްދޫ އެއްފަސްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެފައިވާ ވައުދު ފުއްދުމަށް ސަރުކާރަށް ގޮވައިލައި، ގަރާރެއް ފާސްކޮށްފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2016 ވަނަ އަހަރު ހޯނޑެއްދުއާއި މަޑަވެއްޔާ ދެމެދު އެޅި ކޯޒްވޭ ކަނޑައިލައިފައިވަނީ މިއަހަރުގެ ތެރޭގައެވެ. އެ ޕްރޮޖެކްޓަށް ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ހަރަދު ކުރިއެވެ.
ދެރަށް ގުޅުވައިދިން ކޯޒްވޭ ކަނޑައިލައިފައިވަނީ ކޯޒްވޭގެ ސަބަބުން ދެ ރަށުގެ ތިމާވެއްޓަށް ވެސް ބޮޑެތި ގެއްލުންތައް ލިބޭ ކަމަށް ބުނެއެވެ.
މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީން މިދިޔަ އަހަރު ހޯނޑެއްދޫއަށް ކޯޒްްވޭގެ ސަބަބުން ވަމުންދާ ގެއްލުންތަކުގެ މައްޗަށް ތައްޔާރުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އީޕީއޭގެ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތިންނެއް ނޫނެވެ. އަދި ކޯޒްްވޭގެ ސަބަބުން ލިބޭ ގެއްލުންތަކާހެދި އެ ދެ ރަށުގެ ރައްޔިތުންނަށް ވެސް ބިރުވެރިކަމަކާ ކުރިމަތިވެފައިވާ ކަމަށް އެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.
އެ ރިޕޯޓުގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުން މި ދެ ރަށުގެ ދޭތެރޭގައި އަޅައިފައިވާ ކޯޒްވޭގެ މަޝްރޫއުގައި ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީން ވަނީ ބޮޑެތި އިހުމާލުތަކެއް ވެފައެވެ. އަދި އެ ކޯޒްްވޭގެ ސަބަބުން ދެ ރަށުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއްވެ ކޯޒްްވޭ ވެސް ބޭނުން ނުކުރެވޭތީ އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަކުގެ އަތުން ބަދަލު ހޯދުމަށް ވެސް ފާއިތުވެދިޔަ އަހަރު މަޖިލީހުން ފާސްކުރިއެވެ.