ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމަށް ފަލިޖެހުނުވަރު

ގްރެޑުއޭޝަން ސެރެމަނީގެ ތެރެއިން ސަނަދު ހާސިލުކުރި ދަރިވަރުން .. ފޮޓޯ/އެމްއެންޔޫ

އޮކްޓޫބަރު 17އިން 21އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވުނު ކުލަގަދަ ދަސްވެނިވުމުގެ ރަސްމިއްޔާތުތަކަކީ މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުގެ ނަޒަރު އެކަމަކަށް ހުއްޓުވާލި ރަސްމިއްޔާތުތަކެކެވެ.

އެ ގޮތުން ބޭއްވުނު ފަހު ސެޝަންގައި ޝަރަފުވެރި މެހެމާން މިނސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުސޫމް ބަސްކޮޅު "ފަލިޖެހިވަރެއް ނޭނގޭނެއެވެ. ފެންނާނީ ބާނާފަ ހުރި މަސްކޮޅެވެ" ވެގެންދިޔައީ ދަސްވެނިވުމުގެ ރަސްމިއްޔާތުތަކަށް މުޅި ޔުނިވަރސިޓީ އެކުގައި ކުރެވުނު ބުރަ މަސައްކަތްތައް ރަމްޒުކޮށްދޭ ފަދަ ބަސްކޮޅަކަށެވެ.

ހަމަގައިމުވެސް ޖެހިޖެހިގެން އެއްވެސް ހުރަހެއްނެތި ހަތް ސެޝަނަށް ބަހައިގެން މިފަދަ ރަސްމިއްޔާތުތަކެއް ބޭއްވޭނީ ވަރަށް ބޮޑަށް އެކަމަށް ތައްޔާރުވެގެންކަން ކަށަވަރެވެ. މިގޮތުން ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުން ކުރި ހޭދަ އަކީ މި ރަސްމިއްޔާތުތައް މިހާ އަމާން ކަމާއެކި ކުރިއަށް ގެންދެވުމުގެ ސިއްރެވެ. އެއް ސެޝަން ނިމި އަނެއް ސެޝަނަށް ތައްޔާރުވުމަށް ލިބުނު ކުޑަވަގުތުކޮޅުގެ ތެރޭގައި ދަސްވެނިވާ މާލަމް ތައްޔާރުކޮށް ދަސްވެނީންނަށް އުފާވެރި މާޙައުލެއް ކަށަވަރުކޮށްދީފައިވެއެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ/އެމްއެންޔޫ

ދަސްވެނިވާ ރަސްމިއްޔާތުގެ ސެޝަންތައް ފައްޓަވައިދެއްވަނީ ޔުނިވަރސިޓީން ތަޢުލީމް ޙާޞިލްކޮށްފައިވާ "ޖަޑިބުން"ނެވެ. ކޮންމެ ސެޝަނެއްގަވެސް ދެ ޖަޑިބުންގެ ބީދައިން މުޅިއެކު 14 ޖަޑިބުން މި ރަސްމިއްޔާތުތަކުގައި ހަރަކާތްތެރިވިއެވެ. އަދި ހަމައެހެންމެ މިފަހަރަކީ ތާރީޚްގެ ތެރެއަށް ވަދެ އަންހެން ޖަޑިބުން ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މިގޮތުން ރަސްމިއްޔާތުތަކުގައި ބައިވެރިވި 11 ޖަޑިބުންނަކީ އަންހެން ޖަޑިބުންނެވެ.

ރަސްމިއްޔާތު ފައްޓައިދެއްވި ޖަޑިބުން.. ފޮޓޯ/އެމްއެންޔޫ

ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފްލާތަކުގެ ޕޯޑިއަމްގައި ބަހައްޓާފައި ހުރި މާބޮނޑިތަކަކީ ވެސް ވަރަށް ގިނަ ބަޔެއްގެ ނަޒަރު ހުއްޓުވާލި އެއްޗެކެވެ. ހަތް ސެޝަން އޮތްއިރު ކޮންމެ ސެޝަނަކަށް މާ ބޮޑިއެއް ގަނެފަ ބެއިންދުމަކީވެސް ކިތަންމެ ހަރަދެއްދާނެކަމެކެވެ. ޔުނިވަރސިޓީގެ ފަރާތުން މިކަމަށް ހޯދީ ވަރަށް މޮޅު ހައްލެކެވެ. ޔުނިވަރސިޓީން ބެލީ މާބޮޑު ޚަރަދަކާއި ނުލައި އުފާވެރި މާހައުލެއްގައި މި ރަސްމިއަޔާތުތައް ބޭއްވުމަށެވެ. މިގޮތުން، ކޮންމެ ސެޝަނަކަށް މާބޮޑިއެއް ގަތުމުގެ ބަދަލުގަ ގަސް ޕޮޓެއް ގަތުމަށް ފަހު ކޮންމެ ސެޝަނަކަށް ޔުނިވަރސިޓީގެ މާބަގީޗާ ތެރޭގަ ހުންނަ ގަސްގަހުގެ މަލުން ޕޯޑިއަމްގެކުލަތައް ބަދަލުކޮށްލިއެވެ.

ޕޯޑިއަމްގައި ބަހައްޓާފައި ހުރި މާތައް.. ފޮޓޯ/އެމްއެންޔޫ

މި ފަހަރުގެ ރަސްމިއްޔާތުގައި ފެނިގެންދިޔަ އެންމެ ހިތްގައިމު އެއް މަންޒަރަކީ ދަސްވެނިވުން ނިންމާލުމާއެކީ ސަނަދު ހާސިލްކުރި ދަސްވެނީންގެ ބެލެނެވެރިންނާއި އާއިލާ ފޮޓޯ ޕޮއިންޓު ތަކަށްއައިސް ފޮޓޯ ނެގުމުގައި ހަރަކާތްތެރިވި މަންޒަރެވެ. އެހެންކަމުން ޔުނިވަރސިޓީ އިން ބެހެއްޓީ ފޮޓޯ ޕޮއިންޓުތައް ވެގެން ދިޔައީ މުޅި އާއިލާ އާއި އެކީ މިގޮތަށް ޔުނިވަރސިޓީ ތެރޭ ގުޅުން ބަދަހިކޮށްލުމަށްވެސް ލިބުނު ރަނުގެ ފުރުސަތަކަށެވެ. އަދި ހަމައެހެންމެ މިކަމުގެ ސަބަބުން ދާރިސުންނަށްވެސް އާއިލާތަކާއި ބައްދަލުވެލާނެ ފުރުސަތު ފަހިވެގެންދިޔައެވެ.

އެހެންފަހަރުތަކާއި ޚިލާފަށް ޔުނިވަރސިޓީގައި ދަސްވެނިވުމުގެ ރަސްމިއްޔާތު ބޭއްވުމުން ކިޔެވުން ނިމި ސަނަދު ހާސިލުކުރި ދަސްވެނީން ޔުނިވަރސިޓީން ނުކުމެގެން ދިޔައީ ކިޔަވަން ފަށަން ވަން ދޮރާށިންނެވެ. ޖެހިޖެހިގެން ބޭއްވުނު މި ރަސްމިއްޔާތުތައް ދަސްވެނީންނާއި ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުނަށް ފާހަގަވެންދިޔައީ ޔުނިވަރސިޓީއަށް އައި އީދެއްގެ ގޮތުގައެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުތަކުގެ އިތުރުން ޔުނިވަރސިޓީ އިން މިދިޔަ ހަފްތާ ވަނީ ފަސް ދުވަހުގެ މުއްދަތަށް ފޮތް މައުރަޒެއްވެސް ބާއްވާފައެވެ. ހުރިހާ ލިޔުންތެރިންނަށްވެސް ހިލޭ ބައިވެރިވުމުގެ ފުރުސަތު ލިބުނު މި މައުރަޒުގައި ބައިވެރިކުރުމަށް ހުޅުވާލާފައިވަނީ ދިވެހި ލިޔުންތެރިން އެކިއެކި ބަސްބަހުން ލިޔެފައިވާ ފޮތްތަކަށެވެ. ޔުނިވަރސިޓީގެ މުޖުތަމަޢަށް އަނބުރާ ދިނުމުގެ ޕްރޮގްރާމް "ފުރާތަ"ގެ ދަށުން ކުރިއަށް ގެންދެވުނު މި މައުރަޒަކީ ވަރަށް ތަރުޙީބު ލިބުނު ގިނަ ބަޔަކު ޒިޔާރަތްކުރި މައުރަޒެކެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ވަނީ ކުރިމަގުގައި މިފަދަ އިތުރު މައުރަޒުތައް ހިންގުމަށް ރާވާފައެވެ.

އެމްއެންޔޫ ފޮތް މައުރަޒްގެ ތެރެއިން... ފޮޓޯ/އެމްއެންޔޫ

comment ކޮމެންޓް