ކޮވިޑުން އަރައިގަނެ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަަމަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައި: މިނިސްޓަރު ނަހުލާ

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނސްޓަރު އާއިޝަތު ނަހުލާ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލަޔާސް

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމަށް ލިބުނު ގެއްލުމުން އަރައިގަންނަމުން އަންްނަ އިރު އެ ދެ ދާއިރާއަށް ވެސް ބޮޑު ކުރިއެރުމެއް ލިބެމުން އަންނަކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ ފަރާތުން ބޭއްވި ކޮވިޑް-19އާ ގުޅޭ ގޮތުން ބޭއްވި މަތީ ފަންތީގެ ކޮންފަރެންސް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަހުލާ ވިދާޅުވީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު އަދާކުރާ ވަޒީފާ ބަރޯސާވެފައި އޮންނަނީ އޭވިއޭޝަންގެ ދާއިރާއަށްކަމަށެވެ.

"73،000އަށްވުރެ ވަޒީފާއަކީ އޭވިއޭޝަންގެ ދާއިރާއަށް ބަރޯސާވެފައިވާ ވަޒީފާތަކެއް. ކޮވިޑާއެކު މި ދާއިރާއަށް އައި ލޮޅުމާއެކު އެހެނިހެން ގޮތް ގޮތުން ދެން ހުރި ކަންކަމަށް އަސަރުކުރިކަން ވަރަށް ރަނގަޅަށް ވަނީ ހާމަވެގެން ގޮސްފައި،" މިނިސްޓަރު ވިދާޅުވިއެވެ.

އެއާއެކު މިހާރު ބަލިން އަރައިގަތުމުގެ މަސައްކަތް ކުރެވެމުން އަންނަ އިރު ރާއްޖޭގެ ސިނާއަތްތައް ކުރިއަރަމުން އަންނަކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިކަމާއި އޭވިއޭޝަނަށް އާންމު ހާލަތަށް ރުޖޫއަވުމަށް ކުރެވެހެން ހުރި ކަންކަން ހަލުވި މިނެއްގައި ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

"މި އަހަރު ނިމުމުގެ ކުރިން 1.3 މިލިއަން ފަތުރުވެރިން ރާއްޖެ އައުން އެއީ އަޅުގަނޑުމެންގެ އުންމީދު. މިއީ އާންމު ހާލަތާ އަޅައިބަލާއިރު 76 ޕަސެންޓުގެ ކުރިއެރުމެއް،" ނަހުލާ ވިދާޅުވިއެވެ.

ހަމައެއާއެކު ނަހުލާ ވިދާޅުވީ ރާއްޖޭގައި ވައިގެ ދަތުރުފަތުރަށް ވެސް ގިނަ ލުއި ފަސޭހަތަކެއް ދީފައިވާކަމަށެެެވެ. އަދި ފަތުރުވެރިކަމާއި އޭވިއޭޝަންގެ މުވައްޒަފުންގެ ތެރެއިން 90 ޕަސެންޓަށް ވުރެ ގިނަ މުވައްޒަފުން ވެކްސިން ކޮވިޑް ވެކްސިން ފުރިހަމަަކޮށްފައިވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކައިގައި އަލިއަޅުވާލާފައިވަނީ ކޮވިޑުން އަރައިގަތުމަށް ޓަކައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށެވެ. އަދި ސަމާލުކަން ދޭން ޖެހޭ ގިނަ ފިލާވަޅުތަކެއް ކޮވިޑާއެކު ދަސްވެފައިވާކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.

comment ކޮމެންޓް