މިހާރު މީސްމީޑިއާގައި އެންމެ ބާރަށް ދެކެވޭ ވާހަކައަކީ، ރާއްޖެއަށް ޒިޔާރާތްކޮށްގެން އުޅޭ ގުޑުގުޑާ ދޫނި (ފްލެމިންގޯ)ތަކުގެ ވާހަކައެވެ.
އެ ގުޑުގުޑާ ދޫނިތައް ފެނި ދިވެހީން ތިބީ އާޝޯހުވެފައެވެ. ސަބަބަކީ ގުޑުގުޑާ ދޫންޏަކީ ރާއްޖެއިން އާއްމުކޮށް ފެންނަ އެއްޗަކަށް ނުވާތީއެވެ.
ގުޑުގުޑާ ދޫނި ފުރަތަމަ ފެނުނީ ހދ. ކުޅުދުއްފުށިންނެވެ. އަދި އެ އަތޮޅުގެ އެހެން ބައެއް ރަށްރަށުންނެވެ.
މިއަަދުގެ ހެނދުނުގެ ވަގުތެއްގައި ހަތް ގުޑުގުޑާ ދޫނި ވަނީ ނ. މާޅެންދޫ ކުޅިއަށް ޒިޔާރާތް ކޮށްފައެވެ.
މާޅެންދުއަށް ގުޑުގުޑާ ދޫނި އައިސްފައިވަނީ މީގެ ހަތްއަހަރު ކުރިން ކަމަށް "ސަން"އާ ވާހަކަ ދައްކަމުން އެ ރަށު ޒުވާނެއް ކަމަށްވާ އަހުމަދު އިބްރާހިމް ބުންޏެވެ. އޭނާ ބުނީ އެ ފަހަރު ތިން ގުޑުގުޑާ ދޫނި އެ ރަށަށް ޒިޔާރާތް ކުރި ކަމަށެވެ.
"ރަށުގެ ކުދިބޮޑު އެންމެން އެބައޮތް އެ ސަރަހައްދަށް ޖަމާވެފަ ގުޑުގުޑާ ދޫނިތައް ބަލަން. އެއްވެސް މީހަކު އެއަށް ގޯނާ ކުރާކަށް ނުވަތަ ހިފާކަށް ވެސް ނޫޅޭ،" އަހުމަދު ބުންޏެވެ.
މާޅެންދޫ ކުޅިއަކީ ރާއްޖޭގައި އޮންނަ ދޮންވެލީގެ ކުޅިތަކުގެ ތެރެއިން ފާހަގަކޮށްލެވޭފަދަ ގުދުރަތީ ރީތިކަމެއް ލިބިފައިވާ ހިތްގައިމު ކުޅިއެކެވެ. އަދި އެ ރަށުގެ ބަނދަރު ހަދައިފައިވަނީ ކުޅީގެ ތެރެއިން ކަމަށްވާތީ އެ ބަނދަރުގެ ރީތިކަމުގެ ވާހަކަ ރަށަށް ޒިޔާރަތް ކުރާ މީހުން ވެސް ދައްކާ ކަމަށް އަހުމަދު ބުންޏެވެ.
" މާޅެންދޫ ބަނދަރު ސިފަކޮށްދެވޭނީ މިޒަމާނުގައި ރިސޯޓުތަކުގައި މި ހުންނަ ސްވިމިންގ ޕޫލެއް ގޮތުގައި،" އަހުމަދު ބުންޏެވެ.
އަހުމަދު އިތުރަށް ބުނީ މާޅެންދުއަކީ އެންމެ އެވޭލާ ޒަމާނުއްސުރެ ވެސް މެހެމާންދާރީ އަދާކުރުމާއި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ފަހުރުވެރި މާޒީއެއް އޮތް ރަށެއް ކަމަށެވެ. އަދި އެއީ އެ ރަށުން އެ ދޫނިތަކަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭނެކަމުގެ ހެއްކެތް ކަމަށް ވެސް އޭނާ ބުންޏެވެ.