ޒަކާތް ދިނުމަކީ، ﷲ ސުބްޙާނަހޫ ވަތަޢާލާ، އެމީހެއްގެ މުދާ ތާހިރުކޮށް ރައްކާތެރި ކޮށްދޭނެ ކަމެއް ކަމަށް ބަޔާން ކުރަމުން، މިއަދުގެ ހުކުރު ހުތުބާ 'ޒަކާތް ދިނުމަށް' ހާއްސަކޮށްފިއެވެ.
ޒަކާތް ދިނުމަކީ އިސްލާމް ދީނުގެ ފަސް ރުކުނުގެ ތެރެއިން ރުކުނެއްކަން ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
ހަމައެއާއެކު، ނަމާދު ކުރުމަށް ގުރުއާނުގައި އަންގަވާފައިވާ އަމުރުފުޅާ ގުޅިގެން ޒަކާތުގެ ވާހަކަ އައިސްފައި ވުމުން، އިސްލާމް ދީނުގައި ޒަކާތަށް ދެއްވާފައިވާ ގަދަރު ވަރަށް ރަނގަޅަށް ފާޅުވާކަމަށް ހުތުބާގައި ބުންޏެވެ.
މީގެ އިތުރުން ހުތުބާގައި ބުނީ، ޒަކާތް ދިނުމުގެ ސަބަބުން މުއްސަނދިންގެ މުދަލާމެދު ފަގީރުންގެ ހިތްތައް ސާފުވެ، މުދަލުގެ އަހުލުވެރިންނަށް ފަގީރުންގެ ހެޔޮ ދުއާ ލިބޭނެ ކަމަށެވެ.
ޒަކާތް ދިނުމުގެ ސަބަބުން މުޖުތަމައުގައި ފަގީރުކަން ފިލައި، ނިކަމެތިންނަށް އުފާވެރިކަން ގެނެސްދޭނެ ކަމަށާއި އޭގެ ސަބަބުން މުޖުތަމައުގައި އޮންނަ އެކުވެރިކަމާއި އިޖުތިމާއީ ގުޅުން ވަރުގަދަ ވާނެ ކަމަށްވެސް ހުތުބާގައި ބުންޏެވެ.
މީގެ އިތުރުން މިއަދުގެ ހުކުރު ހުތުބާގައި ވަނީ، މުދަލު ޒަކާތާބެހޭ ބައެއް މުހިންމު މައުލޫމާތު ކިޔައިދީފައެވެ.
އެގޮތުން، މުދަލު ޒަކާތް ދިނުން ވާޖިބު ވާނީ މުދަލުގައި ނިޞާބު ހަމަވެ، ހިޖުރީގޮތުން އެ މުދަލަށް އަހަރެއް ވުމާއެކު ތިމާގެ ފުރިހަމަ މިލްކުގައި މުދާ ހުރުމުންކަން ހުތުބާގައި ހަނދާންކޮށްދިނެވެ.
ހަމައެއާއެކު، ނަމާދު ފަދައިން ޒަކާތަކީވެސް އިސްލާމް ދީނުގެ ރުކުނެއް ކަމަށް ވުމުން، ޒަކާތުގެ ހުކުމްތައް ވެސް ދަސްކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުންޏެވެ.