ރައީސްއާއެކު ހޭދަކުރެވުނު ވަގުތުކޮޅު: "ސަލާހު"އަށް ތަފާތު ތަޖުރިބާއެއް!

ރައީސް ސޯލިހުއާއެކު ޚަލީލް ފޮޓޯއެއް ނަގަނީ -- ފޮޓޯ/ ގައިޝް އަންވަރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އއ. އުކުޅަހަށް ކުރެއްވި ދަތުރުފުޅުގައި، ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އެމަނިކުފާނާއެކު ފޮޓޯނަގަން ބަނދަރަށް ނުކުމެ ހުރި ފަތުރުވެރިއެކެވެ.

އެ ފަތުރުވެރިޔާ މީހުންގެ ލޮލުގައި އަޅައިގަތީ ސަބަބެއް ނެތިއެއް ނޫނެވެ. އޭނާ ފެނިފައި ގިނަ ބަޔަކު ހީކުރީ އެއީ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު ޞަލާހު ކަމަށެވެ. އޭނާ ހުރީ ވެސް ލިވަޕޫލްގެ ޖާޒީއެއް ލައިގެންނެވެ.

އެހެން ނަމަވެސް އެއީ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސްއުޅޭ މިސްރުގެ ފަތުރުވެރިޔާ، މުހައްމަދު ޚަލީލެވެ.

"ރައީސް ސޯލިހަކީ ވަރަށް، ވަރަށް ހިތްހެޔޮ، ވަރަށް ހިތްތިރި ބޭފުޅެއް،" "ސަން"އަށް ދިން އެކްސްކުލޫސިވް އިންޓަވިއުގައި ޚަލީލް ބުންޏެވެ.

ރައީސް އުކުޅަހަށް ވަޑައިގަންނަވާތީ، ޚަލީލް އިއްޔެ ނުކުތީ އޭނާގެ ޓިކްޓޮކް ފޮލޯވަރުންނަށް އެ މަންޒަރު ދައްކާލުމަށެވެ. އޭނާ ރައީސް ވަޑައިގެން ވަގުތު ވެސް ހުރީ ޓިކްޓޮކުން ލައިވް ޖައްސައިގެންނެވެ.

"ރައީސް ވެސް ވިދާޅުވި ސަލާހުއާ ވަރަށް ވައްތަރޭ. ދެން ވިދާޅުވި ރާއްޖޭގައި ހިތްހަމަޖެހިގެން ޗުއްޓީ ހޭދަކުރާނެ ކަމަށް އުއްމީދުކުރަމޭ،" ޚަލީލް ބުންޏެވެ.

ރައީސް ސޯލިހުއާއެކު ޚަލީލް ނެގި ސެލްފީ --

މިއީ ޚަލީލު ރާއްޖެ އައި ފުރަތަމަ ފަހަރެވެ. އޭނާ ބުނީ ރާއްޖޭގެ މީހުންނަކީ ވަރަށް ހިތްހެޔޮ، ވަރަށް މެހެމާންދާރީ ރަނގަޅު ބައެއް ކަމަށެވެ.

"އިންޝާﷲ ރާއްޖެއަށް އަދި ވެސް އަންނާނަން،" ޚަލީލު ބުންޏެވެ.

ސަލާހަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަބައެއްގެ މަގުބޫލުކަން ހޯދި މިސްރުގެ ފުޓުބޯޅަ ކުޅުންތެރިއެކެވެ. އޭނާވަނީ މިސްރު ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކޮށްފައެވެ.

comment ކޮމެންޓް