މިނިމަމް ވޭޖް އަންނަ ޖެނުއަރީ މަހު ކަނޑައަޅާނަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ވިސްނުމާ އެއްގޮތަށް މިނިމަމް ވޭޖް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭ ރަސްމީކޮށް ކަނޑައަޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ކުރައްވާ ރަސްމީ ދަތުރުފުޅުގައި އއ. ހިމަންދޫއަށް ވަޑައިގެން އެ ރަށު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވަހަކަދައްކަވަމުން ރައީސް ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެޅުމުގެ މަސައްކަތަކީ ސަރުކާރުން އެންމެ އިސްކަން ދީގެން ކުރަން ނިންމާފައިވާ އެއް މަސައްކަތް ކަމަށެވެ.

"މިހާރު އިކޮނޮމިކް މިނިސްޓްރީން އެ ކުރަނީ އެ މަސައްްކަތް. މިނިސްޓަރު މިހާރު ކުރައްވަމުން ގެންދަވަނީ ހުރިހާ ފަރާތަކާ މަޝްވަރާކޮށް އޭގެ އެންމެ ފައިނަލް ނިންމުމަށް. މި ނިންމުމާ އެކީގައި މިހާރު ހުށަހެޅިފައި އޮތް ހުށަހެޅުމުގައިވާ ގޮތުގެ މަތީން ސަރުކާރާ ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ގާތްގަނޑަކަށް 15،000ހަށްވުރެ ގިނަ މީހުންނަށް މުސާރައިގެ ކުރިއެރުން ބޮޑުތަނުން ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު 13،000ހަށްވުރެ ގިނަ ރިސޯޓު މުވައްޒަފުންނަށް ވެސް މުސާރައިގެ ކުރިއެރުން ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދުތަކުގެ 90 ޕަސެންޓް ވައުދުގެ މަސައްކަތް ފެށިފައިވާކަމަށެވެ. އަދި އަންނަ އަހަރުގެ އަމާޒަކީ އެ މަސައްކަތްތައް ނިންމުންކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ތަރައްގީގެ މަޝްރޫތައް ހިންގާނެކަމަށް ވިދާޅުވިއެވެ. އަދި އެ ކަމުގައި އެއްވެސް ވަރަކަށް ތަފާތުކުރުން ނުގެންގުޅޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރުގެ މަސައްކަތްތައް އަޅުގަނޑުމެން ފަށައިގެން މި އައީ ރައްޔިތުން އަޅުގަނޑުމެންނަށް އެ ހުށަހެޅި ހުށަހެޅުންތަކާ އެއްގޮތަށް ވަކި ރަށެއް ބާކީ ނުކޮށް. އާބާދީ ކުޑައެއް ބޮޑެއް ބެލުމެއް ނެތި ރައްޔިތަކަށް ވީތީ ސަރުކާރުން ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމުގައި ތަފާތެއް ނެތި ދައުލަތުގެ ފުދުންތެރިކަން ހުރި މިންވަރަކަށް ކޮށްދެމުން،" ރައީސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ރައީސްވަނީ ހިމަންދޫގައި ގިނަ މަޝްރޫތަކެއް ފައްޓަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ރަށުގެ ސިއްހީ ދާއިރާ ކުރިއެރުވުމާއި، ފެނާ ނަރުދަމާގެ އިތުރުން ރަށަށް ބޭނުންވާ އެހެން މަސައްކަތްތައް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާކަމަަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް