އައްސޭރި ޖަލަކީ ކުޑަކުދިން ބަންދުގައި ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން: އެޗްއާރުސީއެމް

މިއަދު ހިއުމަން ރައިޓްސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އެޗްއާރްސީއެމް

ކ. ހިންމަފުށީ އައްސޭރި ޖަލުގައި ގާއިމްކޮށްފައި ހުންނަ ކުޑަކުދިންގެ ޖަލަކީ ބަންދުގައި ކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމްއިން ބުނީ، އައްސޭރި ޖަލުގައި ހުންނަ ކުޑަކުދިންގެ ޖަލަކީ، ގާނޫނު އަސާސީއާއި ބައިނަލްއަގުވާމީ ގާނޫނުތަކުން ކުދިންނަށް ލިބެންޖެހޭ ހައްގުތަކާއި ރައްކާތެރިކަން ނުލިބޭ ތަނެއްކަން އެ ކޮމިޝަނުން ކުރިއަށްގެންދިޔަ ތަހުގީގަކަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެޗްއާރުސީއެމްއިން ރިއާޔަތްކޮށްފައިވާ ގާނޫނުތަކުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނު ހިމެނެއެވެ. އަދި ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް، ދަ ބެއިޖިންގް ރޫލްސްއާއި، ސީއާރުސީ ކޮމެޓީގެ ޖެނެރަލް ކޮމެންޓް ނަންބަރު 24 އާއި ދަ ނެލްސަން މަންޑޭލާ ރޫލްސް ހިމެނެއެވެ.

އެޗްއާރުސީއެމްއިން ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަށަކުން ދިހައަކަށް އެކޮމިޝަނުން އައްސޭރި ޖަލަށް ޒިޔާރާތް ކުރި ކަމަށެވެ. އަދި އޭރު އައްސޭރި ޖަލުގައި ބިނާކުރަމުން ދިޔަ ކުޑަކުދިންގެ ޖަލުގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އޭރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނި ކަމަށް އެ ކޮމިޝަނުން ފާހަގަ ކުރިއެވެ.

ނަމަވެސް އެޗްއާރުސީއެމުން މިދިޔަ މަހުގެ 16 ވަނަ ދުވަހު އައްސޭރި ޖަލަށް ޒިޔާރާތް ކުރިއިރުވެސް އަލަށް ބިނާ ކުރާ ކުޑަކުދިންގެ ޖަލުގެ މަސައްކަތް ނިމިފައިނުވާ ކަމަށް އެކޮމިޝަނުން ބުންޏެވެ.

އެހެންކަމުން އައްސޭރި ޖަލުގައި ތިބި ކުޑަކުދިން 30 ދުވަސް ތެރޭ ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށާއި، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެޖަލުގައި އެއްވެސް މައްސަލައަކާ ގުޅިގެން ކުޑަކުދިން ބަންދު ނުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އެކޮމިޝަނުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އަންގާފައިވާކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ.

މީގެ އިތުރުން އެ އެންގުމާ ގުޅިގެން އައްސޭރި ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމުގައި ކަރެކްޝަނުން ކަނޑައަޅާ ޕްލޭނެއް އެޗްއާރުސީއެމަށް އެންގުމަށްވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް