އަންނަ އަހަރުގެ ބަޖެޓަށް އެމްޑީޕީ އެމްޕީންގެ ލަފާ، ރައީސް ހޯއްދަވައިފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ގުޅޭ ގޮތުން އެމްޑީޕީގެ މަޖިލިސް މެންބަރުނާއި އެކު ރޭ ރައީސް ސޯލިހު ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: މަބްރޫކް

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ތައްޔާރުވަމުންދާ ދައުލަތުގެ ބަޖެޓަށް, އެމްޑީޕީ މަޖިލިސް މެންބަރުންގެ ލަފާ, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯއްދަވައިފިއެވެ.

ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ މަޖިލިސް މެންބަރުންނާ އެކު ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިޔަ ބައްދަލުވުންތައް ރޭ ވަނީ ނިންމާލައިފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ, އެ ބައްދަލުވުންތަކުގައި މައިގަނޑު ތިން ކަމަކަށް މަޝްވަރާ ކުރެއްވިކަމަށެވެ. އެގޮތުން, އަންނަ އަހަރު ކުރިއަށް ގެންދާނެ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ އިތުރުން ރިޔާސީ ވައުދުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. އަދި ބަޖެޓަށް ލިބޭނެ އަދަދުތަކާއި ހަރަދުވާނެ އަދަދުތަކާއި ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.

މި އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައިވަނީ, 34.79 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ދައުލަތުގެ ބަޖެޓު އެ އަދަދަށް ވުރެން ދެތިން މިލިއަން އިތުރުވާނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅީ 34.79 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 17.79 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން، މިއީ 15.50 ބިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެކެވެ.

ކޮމެޓީން ގެނައި އިސްލާހުތަކާއެކު ބަޖެޓުގެ ޖުމްލަ ވަނީ 34.92 ބިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ. އަދި އާމްދަނީ 21 ބިލިއަނަށް އިތުރުވެ، މި އަހަރުގެ ބަޖެޓު ޑެފިސިޓް 12.3 ބިލިއަން ރުފިޔާއަށް ވަނީ ތިރިވެފައި އެވެ.

އެ ބަޖެޓަށް ބަދަލުގެނައީ ފިނޭންސް މިނިސްޓްރީ އާއެކު މަޝްވަރާކުރުމަށްފަހު އެވެ.

comment ކޮމެންޓް