މިއަދު ރާއްޖޭގައި ކޮންސްޓްރަކްޝަންގެ ދާއިރާއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑުގެ ސަބަބުން ދިމާވެފައި ހުރި ދަތިތައްކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓަރަކްޝަން އިންޑަސްޓްރީ(މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޖަނާހު ވިދާޅުވީ ކޮވިޑާއެކު ކޮންސްޓަރަކްޝަން މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމަށް ގިނަ ދަތިތަކާ ކުރިމަތިވާކަމަށެވެ. އަދި އޭގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބެއްދުމަކީ ވެސް ދަތިކަމެއްކަމަށެވެ.
"އަޅުގަނޑުމެންނަށް ވަރަށް ގިނަ ޕޮއިންްޓުތަކެއް ވަނީ ފާހަގަކުރެވިފައި. މުދާ ގެނައުމަށް މިހާރު އަޅުގަނޑުމެންނަށް ނޯވޭ މަޑުކުރެވޭކަށް. ދެން ވަރަށް މުހިންމު އަހަރުތަކެއް ކުރިއަށް މިއޮތީ، އަޅުގަނޑުމެން އެބަޖެހޭ އެ ކެޕޭސިޓީއަށް ހިދުމަތް ފޯރުކޮށްދޭން،" އޭނާ ވިދާޅުވިއެވެ.
ޖަނާހު ވަނީ ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ ވާހަކަ ވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ގަވައިދާ ހިލާފަށް އުޅޭ މީހުން އުޅެނީ ހަމައެކަނި ކޮންސްޓްރަކްޝަން ދާއިރާގެ ތެރޭގައި ނޫންކަމަށް ވިދާޅުވިއެވެ. އަދި އެއީ ހަމައެކަނި މިއަދު ދިމާވެފައި އޮތް މައްސަލައެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިއީ އެތައް އަހަރެއްގެ އިހުމާލުން ވެފައި އޮތް ކަމެއް. އަޅުގަނޑުމެންނަށް އެއްވެސް މީހެއްގެ ބޮލަކަށް ނުޖެހޭނެ، ފަރުވާކުޑަ ގޮތަކަށް އުޅެވިފައި މި އޮތީ،" ޖަނާހު ވިދާޅުވިއެވެ.
ޖަނާހު ވިދާޅުވީ މިއަދު ސަރުކާރުގެ ފަރާތުން ވެސް ބިދޭސީންގެ މައްސަލަ ހައްލުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެމުން އަންނަކަމަށެވެ.
ޖަނާހު ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޭނުންވާ މިންވަރަށް އިންސާނީ ވަސީލަތްތައް ނެތުމާއި އޭގެ ސަބަބުން ބޮޑެތި މަޝްރޫތަކުގެ މަސައްކަތަށް ބޭނުންވާ މީހުން ނުލިބުން ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ލޭބާ ރިސޯސަސް ޕްލޭންސް ހުރީ ކިހާ ވަރަކަށްތޯ އެއްވެސް ވަރަކަށް ބެލުނު ނަމަ ގައުމުގައި މިހާރު އެ ބްލެކް މާކެޓު [ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން] އުފެދިގެން ނުދާނެއޭ،" އެނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޖަނާހު ވިދާޅުވީ މަސައްކަތްތެރިންގެ މައްސަލަ ހައްލުކުރުމަކީ ހަމައެކަނި ސަރުކާރަށް އެކަނި ހައްލުކުރެވޭނެކަމެއް ނޫންކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ޓަކައި ކުންފުނިތަކުން ވެސް ވަކި އުސޫލެއްގެ ތެރެއިން ހައްލުކުރަން މަސައްކަތްކުރަން ޖެހޭކަމަށެވެ.