މިނިސްޓަރުގެ އެދިވަޑައިގަތުން: ހުނަރުވެރި ކުދީން ވާންވީ މުދައްރިސުންނަށް!

އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ --

އޭލެވެލްގެ ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ ތެރެއިން އެންމެ ހުނަރުވެރި ކުދީން މުދައްރިސުންނަށް ވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެދިވަޑައިގެންފިއެވެ.

އޭލެވެލްގެ ގަދަ 10ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމުގެ ގޮތުން މިރޭ ތާޖުއްދީން ސުކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގައުމުދެކެ ލޯބިވާ، ތަޢުލީމަށް ލޯބިކުރާ އެތައްބޭފުޅުންނެއް އެ ޖަލްސާގައި ތިއްބަވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ހުރިހާ ބޭފުޅުންގެ އެދުމަކަށްވާނީ، އަހަރަކަށް ވުރެ އަހަރެއް، ތަޢުލީމީ ގޮތުން ރާއްޖެ ކުރިއަށް ދިއުންކަމަށެވެ. އަދި އެ މަގުސަދު ހާސިލުކުރުމަށް ކުރެވޭނޭ އެންމެ މުހިއްމު ކަމަކީ، ހުނަރުވެރި މުދައްރިސުން ތަމްރީނުކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިރޭ، އަޅުގަނޑު މި ހަފްލާގައި ތިބި ދަރިވަރުންގެ ފަރާތުން އެދޭ އެންމެ ބޮޑު އެދުމަކީ، ތިޔައިގެ ތެރެއިން އެންމެ ހުނަރުވެރި ކުދީން މުދައްރިސުންނަށް ވުން،" މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އުނގަންނައިދިނުމުގެ މަސައްކަތަކީ، އޭގެ އަސަރުތައް އެތައް ޖީލަކަށް ފެތުރިގެންދާ، ދުނިޔެއާއި އާޚިރަތުގައި ހެޔޮ ޖަޒާ ލިބޭ، އަބުރުވެރި މަސައްކަތެއް ކަމަށެވެ.

މޮޅެތި މުދައްރިސުން ތަޢުލީމީ ނިޒާމަށް ވަނުމަކީ، މޮޅެތި ދަރިވަރުން މުސްތަގުބަލްގައި މަދަރުސާތަކުން ތަރުބިއްޔަތު ކުރެވޭނެ މުޖައްރިބު ގޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިރޭގެ ހަފްލާގައި މިނިސްޓަރު ވިދާޅުވީ، ފާއިތުވެދިޔަ 30 އަހަރުގެ ތެރޭގައި އެތައް ހާސް ކުދިންނެއް އޭލެވެލްގެ ގަދަ 10ގައި ހިމެނިފައިވާ ކަމަށެވެ.

"އެ ކުދީންގެ ޙަޔާތުގެ ނަތީޖާތަކަށް ނަޒަރު ހިންގާލުމުން ފާހަގަ ކޮށްލެވޭ އެންމެ މުހިއްމު ކަމަކީ، އެންމެ ބޮޑު އަސަރެއް މުޖުތަމަޢުއަށް ގެނެސްފައިވަނީ ހަމައެކަނި ތަޢުލީމީގޮތުން މޮޅު ކުދީން ނޫންކަން،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، އެންމެ ކާމިޔާބު ކުދީންކަމަށް ވެފައިވަނީ، އެ ކުދީން ހޯދި ޢިލްމާއި ހުނަރު އެންމެ ފުޅާ ދާއިރާއެއްގައި ޤައުމަށް ފޯރުކޮށްދީ އެންމެ ގިނަ ބަޔަކަށް އެކުދީންގެ ހެޔޮ އަސަރުތައް ލިއްބައިދިން ކުދީންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކައިގައި ދަރިވަރުން ރަންވަނަތައް ހާސިލު ކުރުމުގައި ބެލެނިވެރިން އެތައް ރެއެއްގެ ނިދި ނަގާލާ، އެތައް މަސައްކަތްތަކެއްކޮށް އެތައް ޤުރުބާނީތަކެއް ވެފައިވާކަން ފާހަގަ ކުރެއްވިއެވެ.

"ދަރިންދެކެ ވާ ލޯބިން ނުވަތަ ކިޔެވުމަށް ބުރޫއަރާފާނެތީ އެކުދިން ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވާ ބޭތިއްބުމަކީ ރަނގަޅުކަމެއް ނޫން. ކޮންމެ ކުއްޖަކުވެސް މައިންބަފައިންނާއި ވަކިން ދިރި އުޅޭނެ ދުވަހެއް އަންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ޢިލްމު އުނގެނުމަށް އޮންނަ އެންމެ ބޮޑު ހުރަހަކީ ތިމާއަށް މާ ގިނަ ތަކެތި އެނގޭކަމަށް ހީވުން ކަމަށައި މޮޅުކަމަށް އަމިއްލައަށް ދުށުން ކަމަށެވެ. މިކަމަކީ ވަރަށް ބޮޑު މައްސަލައެއް ކަމުގައި މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"އެހެންކަމުން، ކާމިޔާބުގެ ވަގުތުގައި ތިޔަ ކުދީން ހިތްތިރިކޮށް ތަވާޟުޢުވެރިކަން އިސްކުރުމަށް ގޮވާލަން. ތިޔަ ކުދީންނަށް ދުނިޔެއިން އެނގޭ މިންވަރަކީ ދުނިޔޭގައިވާ ވެއްޔާ އަޅާބަލާއިރު، އެންމެ ވެލިފުކެއްގެ މިންވަރު ކަމުގައި ދުށުމަށް އެދެން،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް