ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް ސޯލިހު ކަނޑޫދޫއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތ. ކަނޑޫދޫއަށް ރަސްމީ ދަތުރުފުޅެއްްގައި ފުރާވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަަރަކާތްތަކުގައި ބައިވެރިވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތ. ކަނޑޫދޫއަށް ރަސްމީ ދަތުރުފުޅެއްްގައި ފުރާވަޑައިގެންފިއެވެ.

އެ ރަށަށް ވަޑައިގަތުމަށް ރައީސް ފުރާވަޑައިގަތީ މިއަދު މެންދުރެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ ރަށުގައި ގިނަ ކަންތައްތަކެއް އިފްތިތާހުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެ ރަށުގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ހަރަކާތްތައް ފަށްޓަވައިދެއްވުމާއި، އެ ރަށުގައި އޮންނަ ކާބޯތަކެތީގެ މައުރަޒު ހުޅުވައިދެއްވުން ހިމެނެއެވެ.

ހަމައެއާއެކުު ފާޓިގޭޝަން ސިސްޓަމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމުގެ އިތުރުން، ގައުމީ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ގައުމީ ފެންވަރުގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް ނިންމެވީ މިދިޔަ އަހަރެވެ. އެއާއެކު މިއީ ގައުމީ ފެންވަރުގައި މި ދުވަސް ފާހަގަކުރާ ފުރަތަމަ އަހަރެވެ.

ރާއްޖޭގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 15ވަނަ ދުވަހެވެ. އެއާއެކު ބައިނަލްއަގްވާމީ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި އޮކްޓޯބަރު 16 އަންނަނީ ފާހަގަކުރަމުންނެވެ.

ގައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ދަނޑުވެރިން ކުރާ މަސައްކަތުގެ އަގުވަަޒަން ކުރުމެވެ.

ކަނޑޫދޫއަށް ރައީސް ކުރެއްވި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.

comment ކޮމެންޓް