ޝުނާނާ އެންޑް ކޯ އެލްއެލްޕީއިން "ޝުން ޑޮޓް ލޯ"ގެ ނަމުގައި ގާނޫނީ ޑޭޓާބޭހެއް މިއަދު އިފްތިތާހު ކޮށްފިއެވެ.
ސްކޭޕް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ތައްޔާރުކުރި މި ޑޭޓާބޭސްއަކީ ގާނޫނީ ދިރާސާ ކުރުމަށް ބޭނުން ކުރެވޭނެ މުހިންމު ވަސީލަތެކެވެ.
އެ ޑޭޓާބޭހުގައި ހިމެނެނީ ކޭސް ޑޭޓާބޭހަކާއި ގާނޫނީ ބަސް ފޮތެކެވެ.
ކޭސް ޑޭޓާބެހުގައި ރާއްޖޭގެ ސުޕްރީމް ކޯޓުން މިހާތަނަށް ކޮށްފައިވާ ހުރިހާ ހުކުމްތަކެއް އަދި ހައިކޯޓުގެ ފަހުގެ ހުކުމްތަކުގެ ޓެކްސްޓް އަޕްލޯޑް ކޮށްފައިވެއެވެ.
އެ ޑޭޓާބޭސް މެދުވެރިކޮށް ހުކުމްތަކުގެ ޓެކްސްޓްތައް ސާޗް ކުރުމުގެ އިތުރުން ވަކިވަކި ފަނޑިޔާރުން ކޮށްފައިވާ ހުކުމްތަކާއި އެކިއެކި ބާވަތުގެ ހުކުމްތައް ފަސޭހައިން ބަލާލެވޭނެއެވެ.
މީގެ އިތުރުން ހުކުމްތަކުގެ ހާލަތާއި ހުކުމުގެ ތެރޭގައި ކަނޑައަޅާފައިވާ އުސޫލުތައް ފާހަގަވާނެ ނިޝާންތައް ވެސް ބޭނުންކޮށްފައިވެއެވެ.
ޝުނާ.ލޯ ހިމަނާފައިވާ ބަސްފޮތަކީ ގާނޫނީ ބަސްތަކާއި އެ ބަސްތަކުގެ މާނަ ދެނެގަތުމަށް ތައްޔާރުކޮށްފައިވާ ބައެކެވެ. އެ ބައިގައި ޝަރުއީ ކޯޓުތަކުގެ ހުކުމްތަކާއި އެކި އެކި ލޯ ޑިކްޝަނަރީތަކުގައި ބޭނުންކޮށްފައިވާ ބަސްތައް ހިމަނާފައިވެއެވެ.
ޝުނާނާ އެންޑް ކޯ އެލްއެލްޕީގެ މެނޭޖިން ޕާޓްނަރު އަދި ގާނޫނީވަކީލު މަރިޔަމް ޝުނާނާ ވިދާޅުވީ މިއީ އެ ޑޭޓާބޭހުގެ ފުރަތަމަ ފިޔަވަހި ކަމަށާއި ދެވަނަ ފިޔަވަހީގައި ވަޒީފާއާ ބެހޭ ގާނޫނީ އުސޫލުގެ ފޮތުގެ ބަޔަކާއި ގާނޫނީ އެކި ފޮތްތައް ޑޭޓާބޭހުގައި ހިމެނުމަށް ނިންމާފައިވާ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ގާނޫނީ ހަބަރު ނެރޭނެ ކަމަށާއި މިއީ ގާނޫނީ ދިރާސާގެ ފެށުން ކަމަށް ވެސް ޝުނާނާ ވިދާޅުވިއެވެ.
ޑޭޓާބޭހުގެ ބަސްފޮތާއި ކޭސް ޑޭޓާބޭސް އަދި ކޯޓުތަކުގެ ހުކުމްތަކުގައި ހިމެނޭ އުސޫލުތައް މާކްކުރުމާއި ސްޓޭޓަސް ބައި އަޕްޑޭޓް ކުރެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ޝުނާނާ ވަނީ ގާނޫނީ ޑޭޓާބޭހުގެ އިތުރުން "ވަޒީފާއާ ބެހޭ ގާނޫނީ އުސޫލުތައް" ނަމުގައި ގާނޫނީ ފޮތެއްވެސް ނެރުއްވާފައެވެ. އެ ފޮތަކީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަހުގެ އަދި މުހިންމު ޤަޒިއްޔާތަކުގައި ވަޒީފާއާ ބެހޭ ގާނޫނު މާނަކޮށްފައިވާ ގޮތާއި ވަޒީފާއާ ބެހޭ އެކި އެކި އުސޫލުތައް ކަނޑައަޅާފައިވާ ގޮތް ހިމަނާފައިވާ ފޮތެކެވެ.
އެ ފޮތަކީ ރާއްޖޭގެ ސުޕްރީމް ކޯޓުން ވަޒީފާއާ ބެހޭ ގާނޫނާއި ގަވާއިދުތައް ކަނޑައަޅާފައިވާ ގޮތާއި އެ ގަވާއިދުތައް މަނާކުރެވިފައިވާ ގޮތް ފަސޭހައިން ދެނެގަތުމުގެ މަގްސަދުގައި އެކުލަވާލާފައިވާ ފޮތެކެވެ.
މީގެ އިތުރުން އެ ފޮތުގައި އެކިއެކި ގަޒިއްޔާތަކުގައި ވާ އުސޫލުތައް ދިރާސާކޮށް އެ އުސޫލުތައް އަޅާ ކިޔައި، ދިރާސާކޮށް އޭގެ ހުރި ތަފާތު ދެނެގަނެ ފަސޭހައިން މީހުންނަށް ފަހުމް ވާ ގޮތަށް ގާނޫނީ އުސޫލުތައް ވަނީ ތަރުތީބު ކޮށްފައެވެ.
ޝުނާނާ ވަނީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ހިލޭ ސާބަހަށް މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަކީލުންނާއި ގާނޫނު ކިޔަވާ ދަރިވަރުންނާއި ގުޅިގެން މަދަނީ ޖަމިއްޔާއެއް ކަމަށްވާ ޕަބްލިކް އިންޓަރަސްޓް ލޯ ސެންޓަރެއް ވެސް އުފައްދަވާފައެވެ.
އެ ސެންޓަރުން އެތައް ހާސް މީހުންނަށް ހިލޭ ސާބަހަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދީ، ގާނޫނަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގާފައިވެއެވެ. ހަމައެހެންމެ ރާއްޖޭގައި އަލަށް މޯބައިލް ލީގަލް އެއިޑް ކްލިނިކެއް ފަރުމާކޮށް، ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކޮށް އެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ގާނޫނީ އެހީތެރިކަމާއި ގާނޫނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ވެސް ޝުނާނާ ވަނީ ހިންގަވާފައެވެ.