ސްޓޮކް މަދުވުމުން 20 ރުފިޔާގެ އިތުރު ނޫޓު ޗާޕުކޮށްފި

ރަން ދިހަފަހެއް ނޫޓު ސީރީޒްގައި ހިމެނޭ 20 ރުފިޔާގެ ނޫޓުތަކެއް-- ސަން ފޮޓޯ

ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ތެރެއިން 20 ރުފިޔާގެ ނޫޓުގެ އިތުރު ސްޓޮކެއް ޗާޕުކޮށްގެން ގެނެސްފިއެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނީ 20 ރުފިޔާގެ އިތުރު ސްޓޮކެއް ޗާޕު ކުރީ މިހާރު ހުރި ސްޓޮކް މަދުވުމުގެ ސަބަބުން ކަމަށެވެ.

އަލަށް ޗާޕުކުރި ސްޓޮކު އިއްޔެ ރާއްޖެ ގެނެއުމަށްފަހު ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ނަމަވެސް ޗާޕުކޮށްގެން ގެނައީ ކިހާ އަދަދެއް ކަމެއް އެމްއެމްއޭއިން ހާމައެއް ނުކުރެއެވެ.

ސްޓޮކް މަދުވުމުގެ ސަބަބުން މީގެ ކުރިން ރަން ދިހަފަހެއް ނޫޓު ސީރީޒްގެ 10 ރުފިޔާއާއި 100 ރުފިޔާގެ ނޫޓުގެ އިތުރު ސްޓޮކެއް ވެސް ވަނީ ޗާޕުކޮށްފައެވެ. އެއީ 2018 ވަނަ އަހަރުގައެވެ.

ޒަމާނީ ސެކިއުރިޓީ ފީޗާސްތަކާ އެކު ދިވެހިންގެ އާދަކާދަ އާއި ދިވެހި ވަންތަކަން ދައްކައިދޭ ގޮތަށް ޕޮލިމާ ކަރުދާހުގައި ޗާޕުކޮށް، "ރަންދިހަ ފަހެއް"ގެ ނަމުގައި ދިވެހި ފައިސާގެ އާ ނޫޓު ސީރީޒް ތައާރަފްކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު އެވެ.

comment ކޮމެންޓް