ތާލިބާން ސަރުކާރުގެ އިސްވެރިންނާއެކު ކުރީ ކާމިޔާބު މަޝްވަރާތަކެއް: އެމެރިކާ

ޔޫރަޕާއި އެމެރިކާގެ ގުޅިފައިވާ ވަފްދުން ތާލިބާން ސަރުކާރުގެ އިސްވެރިންނާ ގަތަރުގައި ކުރި މަޝްވަރާތައް

ދައުޙާ (އޮކްޓޯބަރު 13) : އަފްޣާނިސްތާނުގެ ވެރިކަންކުރާ ތާލިބާން ސަރުކާރުގެ އިސްވެރިންނާއި އެމެރިކާގެ އާއި ޔޫރަޕްގެ މަސްއޫލުވެރިން ގަތަރުގައި ކުރެއްވި މަޝްވަރާތަކަކީ ކާމިޔާބު މަޝްވަރާތަކެއް ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ސިފަކޮށްފިއެވެ.

އެވުޒާރާގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވިގޮތުގައި އެމެރިކާއާއި ޔޫރަޕިއަން ޔުނިއަން ހިމެނޭގޮތަށް ގުޅިފައިވާ ވަފުދަކުން ތާލިބާން ސަރުކާރުގެ އިސްވެރިންނާ ކުރެއްވި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާވެގެން ދިޔައީ އަފްޣާނިސްތާނަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއި ރެފިއުޖީންގެ މައްސަލަ އަށް ހައްލު ހޯދުމާއި އަފްޣާނިސްތާނުގައި ހަމަޖެހުން ގާއިމްކުރުމާއެކު އަންހެނުންގެ ހައްގުތައް ހިމެނޭގޮތަށް އިންސާނީ ހައްގުތައް ހިމާޔާތްކުރެވޭފަދަ މާހައުލެއް އެގައުމުގައި ގާއިމް ކުރުމާބެހޭގޮތުންނެވެ.

މީގެއިތުރުން އަފްޣާނިސްތާނުގެ ހުރިހާ ރައްޔިތުން ނިސްބަތްވާ ނަސްލުތަކާއި ދީންތަކާއި މަޒުހަބުތައް އަފްޣާން ސަރުކާރުގައި ތަމްޘީލް ކުރުމާބެހޭގޮތުންނާއި ޓެރަރިސްޓް ޖަމާއަތްތަކުގެ މަރުކަޒަކަށް އަފްޣާން ބިން ހެދުމުގެ ފުރުސަތު ނުދިނުމާއި އަފްޣާނިސްތާނުން ފުރަންބޭނުންވާ ބޭރުމީހުންނަށް ތާލިބާން ސަރުކާރުން އެކަން ފަހިކޮށްދިނުމާބެހޭގޮތުންވެސް އެމެރިކާއާއި ޔޫރަޕްގެ ގުޅިފައިވާ ވަފްދުން ތާލިބާން ސަރުކާރުގެ އިސްވެރިންނާ މަޝްވަރާކުރެއްވި ކަމަށް ނެޑް ޕްރައިސް ވިދާޅުވިއެވެ.

މި މަޝްވަރާތަކާބެހޭގޮތުން ޔޫރަޕްގެ އިއްތިޙާދުގެ ކޮމިޝަންގެ ރައީސާ އުރްސުލާ ވޮން ޑަ ލެޔެންވެސް ވިދާޅުވީ މިއީ އުންމީދީ މަޝްވަރާތަކެއް ކަމުގައެވެ. އޭނާ ވިދާޅުވިގޮތުގައި މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ އަފްޣާން ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ، އިޖްތިމާއީ އަދި އިގްތިސާދީ ކާރިސާއަކުން އެމީހުން ސަލާމަތް ކުރުމަށް ބައިނަލްއަގްވާމީ މުޖްތަމައުން އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިމަޝްވަރާތަކުގައި ޔޫރަޕްގެ އިއްތިޙާދުގެ ފަރާތުން އުރުސުލާވަނީ އަފްޣާނިސްތާނަށް އިންސާނީ އެހީގެ ގޮތުގައި 1.2 ބިލިއަން އެމެރިކާ ޑޮލަރު (އެއް ބިލިއަން ޔޫރޯ) ދިނުމަށް ނިންމިކަން އިއުލާންކުރައްވާފައެވެ. މި އެއްބިލިޔަން ޔޫރޯ ގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ދިނުމަށް ހަމަޖެހިފައިވަނީ އަފްޣާން ރެފިއުޖީން ޚަރަދުކުރުމަށްޓަކައި އެމީހުން ދިރިއުޅޭ އީރާނާއި ޕާކިސްތާން ފަދަ ގައުމުތަކަށެވެ. އަނެއްބައި ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ އަފްޣާނިސްތާނަށް ދޭ އިންސާނީ އެހީގެ ގޮތުގައެވެ.

އެމެރިކާވަނީ ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާއެކު އެމެރިކާގައިވާ އަފްޣާން ސަރުކާރުގެ އެސެޓްތައް ފްރީޒް ކޮށްފައެވެ. މިގޮތުން އަފްޣާން މަރުކަޒީ ބޭންކުގެ ފައިސާގެ ތެރެއިން 7 ބިލިޔަން ޑޮލަރު ތާލިބާން ސަރުކާރަށް ބޭނުން ނުކުރެވޭގޮތަށް އެމެރިކާވަނީ ހިފަހައްޓާފައެވެ.

އަފްޣާން ރައްޔިތުންގެ ގިނަބަޔަކު ހާލުގައިޖެހި ހައިހޫނުކަން ތަހައްމަލްކުރާއިރު އެމީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ގަތުމަށް މިފައިސާ ދޫކުރުމަށް އެމެރިކާ ދެކޮޅު ހަދާ މައްސަލަވެސް ގަތަރުގެ ބައްދަލުވުމުގައި ތާލިބާން ސަރުކާރުގެ މަސްއޫލުވެރިން އެމެރިކާގެ މަސްއޫލުވެރިންގެ ސަމާލުކަމަށް ގެނަސްފައިވެއެވެ.

މި މަޝްވަރާތަކުގައި ތާލިބާން ސަރުކާރުގެ މަސްއޫލުވެރިންވަނީ އަފްޣާނިސްތާނަށް ބޭނުންވަނީ ބައިނަލްއަގްވާމީ އެހީތެރިކަން ކަމާއި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ނޫންކަން އެމެރިކާއާއި ޔޫރަޕްގެ ގުޅިފައިވާ ވަފްދުގެ ބޭފުޅުންނަށް ދަންނަވާފައެވެ.

comment ކޮމެންޓް