އިރާގުގެ އާންމު އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯދީ މުޤްތަދާ އައްސަދްރުގެ ޖަމާއަތުން

އިރާގުގެ ޝިޔައީ ދީނީ ލީޑަރު މުގްތަދާ އައްސަދްރު

ބަޣްދާދު (އޮކްޓޯބަރު 12) : އިރާގުގެ އާންމު އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު ކުރީގައި އުޅެނީ އެގައުމުގެ ޝިޔައީ ދީނީ ލީޑަރު މުޤްތަދާ އައްސަދްރުގެ ޖަމާއަތް ކަމަށް ޚަބަރު ލިބިއްޖެއެވެ.

ނުރަސްމީ ނަތީޖާތަކާ ހަވާލާދީ އިރާގުގެ ރަސްމީ ނޫސްއެޖެންސީ ބުނާގޮތުން މުޤްތަދާ އައްސަދްރުގެ "ސަދްރީ ބްލޮކް" އިންވަނީ ޕާލަމެންޓްގެ 73 ގޮނޑި ކާމިޔާބުކޮށްފައެވެ. އެޖަމާއަތާ އެންމެ ގާތުން ވާދަކުރި "ތަގައްދުމް" ޕާޓީއަށް ލިބިފައިވަނީ 38 ގޮނޑިއެވެ. ތިންވަނައަށް އެންމެ ގިނަ ގޮނޑި ލިބުނީ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ ޑރ. ނޫރީ އަލްމާލިކީގެ "ދައުލަތުލް ގާނޫނު" ޕާޓީއަށެވެ. އެޕާޓީއަށް 37 ގޮނޑި ލިބިފައިވެއެވެ.

ސަދްރުގެ ސަޕޯޓަރުން އުފާ ފާޅުކުރަނީ

އިރާގުގެ ޕާލަމެންޓްގައި ހިމެނެނީ 329 ގޮނޑިއެވެ. އިރާގުގެ ދަސްތޫރު ބުނާގޮތުން ސަރުކާރެއް އެކުލަވާލެވޭނީ 165 ގޮނޑި ލިބިގެންނެވެ. އެއް ޕާޓީއަކުންވެސް އަދި ކޯލިޝަނަކުންވެސް މިވަރަށް ގޮނޑި ހޯދިއްޖެނަމަ ސަރުކާރެއް އެކުލަވާލައިގެން އިރާގުގެ ވެރިކަމަށް އާދެވޭނެއެވެ. އިރާގުގެ ރައީސް އެގައުމުގައި ސަރުކާރެއް އެކުލަވާލުމުގެ ހުއްދަ ދެއްވާނީ މިއަދަދަށް ޕާލަމެންޓްގެ ގޮނޑި ކާމިޔާބުކުރާ ޕާޓީއަކަށް ނޫނީ ކޯލިޝަނަކަށެވެ.

ސަދްރުގެ ބްލޮކަށް (ޕާޓީއަށް) ލިބުނީ ޕާލަމެންޓްގެ 73 ގޮނޑި ކަމަށްވާތީ އޭނާއަށް ޖެހިވަޑައިގަންނަވާނީ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދާށެވެ. އިރާގުގެ އިންތިޚާބާބެހޭ އިދާރާ ކަމަށްވާ "ހައި އިލެކްޓޯރަލް ކޮމިޝަން" ގެ ރައީސް ވިދާޅުވި ގޮތުގައި އާދިއްތަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި ބައިވެރިވެފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 41 އިންސައްތައެވެ. ވެރިރަށް ބަޣްދާދަށް ބަލާއިރު ބަޣުދާދުގައި ވޯޓުލާން ނުކުމެފައިވަނީ އެންމެ 32 އިންސައްތަ މީހުންނެވެ.

މި ކާމިޔާބާގުޅިގެން ސަދްރު ވަނީ އޭނާ ގެ ޕާޓީން ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ކުރާ މަސައްކަތްތަކަށް ބޭރުގެ އެއްވެސް ފަރާތަކުން ނުފޫޒު ނުފޯރުވުމަށް އެދިވަޑައިގެންފައެވެ. ސަދްރު އާމެދު ބެލެވެނީ އޭނާއަކީ އިރާގުން އެމެރިކާ ސިފައިން ބޭލުމަށް މަސައްކަތް ކުރައްވާ އަދި އިރާގުގައި އޮންނަ އީރާނުގެ ނުފޫޒާވެސް އިދިކޮޅު ބޭފުޅެއްގެ ގޮތުގައެވެ. މީގެއިތުރުން ސަދްރަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާ ލީޑަރެއްގެ ގޮތުގައިވެސްވަނީ ފާހަގަ ކުރެވިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް