އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ އެކުންފުނިން ވިއްކާ ޑީސަލާއި ޕެޓްރޯލް އަގުބޮޑުކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް ބޮޑުވުމުން ކަމަށެވެ.

މިހާރު ދުނިޔޭގެ ތެލުގެ އަގު ހުރީ ފާއިތުވި ހަތް އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ނިންމުމާ އެކު މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 11.16 ރުފިޔާއަށް އަށް އަދި ޑީސަލް ލީޓަރެއް 11.84 ރުފިޔާއަށް ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެގޮތުން އަގަށް ގެނައި ބަދަލާއެކު ޑީސަލް ލީޓަރެއް ވިއްކަމުން ދިޔައީ 10.95 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކީ 10.72 ރުފިޔާއަށެވެ.

އެސްޓީއޯއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ވީހާވެސް ފަސޭހަގޮތެއްގައި ކަސްޓަމަރުންނަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމަށް ކަމަށް އެކުންފުނިން ބުންޏެވެ.

މިހާރު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 83.65 ޑޮލަރަށް އަރާފައެވެ. އެންމެ ފަހުން ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރަށް ވުރެ މަތިވީ 2018ގެ އޮކްޓޫބަރު މަހުގައެވެ.

ތެލުގެ އަގު މައްޗަށް އަރަން ފެށީ، ތެޔޮ އުފައްދާ ގައުމުތަކުން ޕެންޑެމިކްގެ ތެރޭގައި ތެޔޮ އުފައްދާ މިންވަރު މަދުކޮށްފައި ވަނިކޮށް، ޕެންޑެމިކްއަށް ފަހު އިގްތިސާދު އިޔާދަވާން ފެށުމާއެކު ތެލަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވާން ފެށުމުންނެވެ.

comment ކޮމެންޓް