ނިއުޕޯޓް ހިންގާ ކުންފުނިން ދައުލަތަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޭން ހުކުމް ކުރީ ރަނގަޅަށް: ހައިކޯޓު

ސްޓްރާޑާއިން ހިންގި ނިއުޕޯޓް ވިއު އާއި އެ ކުންފުނިން ތަރައްގީ ކުރި ބްރިޖް ވިއުއިން ޕްލެޓްފޯމު ސަރަހައްދު -- ފޮޓޯ: ސްޓްރާޑާ

ނިއުޕޯޓް ހިންގާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހައުސިން މިނިސްޓްރީ އާއި ސްޓްރާޑާއާ ދެމެދު ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓެއް ތަރައްގީކޮށް ހިންގުމުގެ މަސައްކަތް ހަވާލުކޮށްފައިވެއެވެ.

ސެޕްޓެމްބަރު 22، 2016 ގައި "ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީކުރުމާ ބެހޭ އެއްބަސްވުން" މި ނަމުގައި ސޮއިކުރި އެއްބަސްވުމާއެއްގޮތަށް ސްޓްރާޑާއިން ކުއްޔާއި ޖޫރިމަނާ ދައްކާފައިނުވާތީ، މި ސަރުކާރު އައިފަހުން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީން މާޗް 7، 2019 ވަނަ ދުވަހު ސްޓްރާޑާއަށް އަންގާފައި ވަނީ ބްރިޖް ވިއުއިން ޕްލެޓްފޯމް ތައްޔާރުކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ބިން ހުސްކޮށް އެއް މަސްދުވަހުގެ ތެރޭގައި ދައުލަތާ ހަވާލުކުރުމަށެވެ. ނަމަވެސް އެ އެންގުމަށް އެކުންފުނިން އަމަލުކޮށްފައެއްނުވެއެވެ.

އެކަމާ ގުޅިގެން ދައުލަތުން ދައުވާކުރި މައްސަލަ ބެލުމަށްފަހު ފެބްރުއަރީ 27، 2019 ގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ އެ އެއްބަސްވުން ބާތިލުކުރި ތާރީޚަށްފަހު އެ ބިން ބޭނުންކުރުމުގެ ހައްގު ސްޓްރާޑާއަށް ލިބިގެންނުވާ ކަމަށެވެ. އެއްބަސްވުން ބާތިލުކުރި ތާރީޚަށްފަހު އެ ބިން ސްޓްރާޑާއިން ބޭނުންކޮށްފައިވާތީ، ދައުލަތާ ބިން ހަވާލުކުރެވޭ ދުވަހާ ހަމައަށް އިތުރަށް އަރާފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދެއްކުމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައި ވަނީ އެ ކުންފުންޏަށް އަންގާފައެވެ.

އެ ހުކުމްގައި ވާގޮތުން ފެބްރުއަރީ 7، 2019 ގެ ނިޔަލަށް އެއްބަސްވުމުގެ ދަށުން ދައްކަންޖެހި ނުދައްކައިވާ ފައިސާއާއި މިޘްލީ ބަދަލާއެކު ޖުމްލަ 271,149,1 ރުފިޔާ ސްޓްރާޑާއިން ދައުލަތަށް ދައްކަންޖެހެއެވެ.

ސިވިލް ކޯޓުން އެންގީ ހުކުމްކުރި ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ބިން ޕްލޭނިން މިނިސްޓްރީއާ ހަވާލުކުރުމަށެވެ. އަދި ދައްކަންޖެހޭ ފައިސާތައް ހުކުމްކުރި ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައި ދައްކައި ޚަލާސްކުރުމަށް ވެސް އަންގާފައިވެއެވެ.

އެ ހުކުމަށް ތާއީދުކުރީ މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ހައިކޯޓުގެ ހުކުމްގައި ވަނީ ސިވިލް ކޯޓުގެ ހުކުމް ބިނާކުރި ސަބަބުތައް ސައްހަ ނޫން ކަމަށް ބަލަންޖެހޭފަދަ ސަބަބެއް ހައިކޯޓުގައި ސްޓްރާޑާއަށް ދެއްކިފައިނުވާ ކަމަށެވެ.

ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީ ކުރުމަށް ހަވާލުކޮށްފައި ވަނީ ސްޓްރާޑާއަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ކަމަށް ބުނެ އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައިއެދިފައެވެ.

comment ކޮމެންޓް