ޓިކެޓް ވިއްކުމުގައި ކޮރަޕްޝަން ހިންގޭނެ ޖާގައެއް ނޯވޭ: ބައްސާމް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް -- ސަންފޮޓޯ/ އަހްމަދު އައިމަން އަލީ

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކަށް ޓިކެޓް ވިއްކުމުގައި ލިބޭ ޓިކެޓްތަކުގެ އަދަދުން ކޮރަޕްޝަން ހިންގޭނެ ޖާގައެއް ވެސް ނޯންނަ ކަމަށާއި ކޮރަޕްޝަން ހިންގައިފައިނުވާނެ ކަމަށް ފުޓްބޯލް އެސޯސިިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ސްރީލަންކާއާއި ރާއްޖެ ބައްދަލު ކުރި މެޗަަށް ޓިކެޓް ވިއްކުމުގައި އެފްއޭއެމުން މަކަރު ހަދައިފައިވާކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ. އަދި ޓިކެޓް ވިއްކަން ފެށިތާ ގަޑިއިރެއް ތެރޭ ޓިކެޓް ހުސްވި ކަމަށް ބުނުމުން، ގަލޮޅު ދަނޑު ކައިރީގައި އާއްމުން ވަނީ އިހްތިޖާޖު ވެސް ކޮށްފައެވެ.

ބުދަ ދުވަހު ރާއްޖެއާއި އިންޑިއާ ބައްދަލު ކުރާ މެޗުގެ ޓިކެޓް ވިއްކާ ގޮތުގެ އިންތިޒާމްތަކާ ގުޅޭގޮތުން މިއަދު ހަވީރު ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ބައްސާމް ވަނީ މީޑިއާތަކާ ބައްދަލުކުރައްވައިފައެވެ.

ބައްސާމް ވިދާޅުވީ ގަލޮޅު ދަނޑުގައި ޖާގަ ވަރަށް ކުޑަ ކަން ހުރިހާ ރައްޔިތުން ވެސް ގަބޫލު ކުރަން ޖެހޭ ކަމަށެވެ. އަދި އާއްމު އުސޫލެއްގެ ގޮތުން ކުޅުންތެރިންނަށާއި ސްޕޮންސަރުންނަށް ޓިކެޓް ދޫކުރާ ކަމަށް ވެސް ބައްސާމް ވިދާޅުވިއެެވެ.

"ކުރިން ދުވަހު ކަންތައްވީ ގޮތުން އަޅުގަނޑުމެން ސްޕޮންސަރުންނާއި ކުޅުންތެރިންނާ މަޝްވަރާ ކުރުމަށްފަހު، ކުޅުންތެރިން ވެސް ސްޕޮންސަރުން ވެސް މިވަނީ އާއްމުންނަށް ޓިކެޓް ވިއްކާވަރު އިތުރުކޮށް، އެ ބޭފުޅުންނަށް ލިބޭ އެލޮކޭޝަންތައް ވެސް މަދުކުރުމަށް ނިންމާފަ،" ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ޓިކެޓް ވިއްކަން ލިބޭ އަދަދުތަކަށް ބަލާއިރު ކޮރަޕްޝަން ހިންގޭނެ ޖާގައެއް ނޯންނަ ކަމަށާއި ޓިކެޓް ވިއްކުމުގައި ކޮރަޕްޝަން ހިންގައިފައި ވެސް ނުވާނެ ކަމަށެވެ.

މީޑިއާތަކާ ވާހަކަ ދައްކަވަމުން ބައްސާމް އިތުރަށް ވިދާޅުވީ ކަޅުބާޒާރުގައި ޓިކެޓް ވިއްކާ މައްސަލައާ ގުޅިގެން ފުލުހުންނާ ވެސް ވާހަކަ ދައްކަމުންދާ ކަމަށެވެ.

"އަޅުގަނޑުގެ އިލްތިމާސްއަކީ ރައްޔިތުން ޓިކެޓް ބައްލަވައިގަންނަވާއިރު ވެސް އެ ޓިކެޓަކީ ދަނޑަށް ވަންނަ ޓިކެޓަކަށް ހެދުން. އަޅުގަނޑުމެންނަށް ޓިކެޓް ގަންނަ ކޮންމެ ރައްޔިތެއް ފަހަތުގައި ފުލުހުންނެއް ނުބޭތިއްބޭނެ. ނުވަތަ ވިއްކާތޯ ބަލާކަށް މާ ބޮޑަކަށް ހަރަކާތްތެރިއެއް ނުވެވޭނެ،" ބައްސާމް ވިދާޅުވިއެެވެ.

comment ކޮމެންޓް