ރާއްޖޭގައި ވެސް ނަފްސާނީ ބަލިމަޑުކަން ތަހައްމަލް ކުރަމުން އަންނަ މީހުން އިތުރުވާކަން ފާހަގަ ކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ވިލާ ކޮލެޖުގެ ފަރާތުން އިންތިޒާމުކޮށްގެން ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ކޮލެޖުގެ ހޯލުގައި އިއްޔެ ހަވީރު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ހަފްލާގައި އެކަމަނާ ވަނީ ވިލާ ކޮލެޖްގެ ސައިކޮލޮޖީ އެސޯސިއޭޝަން ވެސް އިފްތިތާހްކޮށްދެއްވާފައެވެ.
ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވަނީ ނަފްސާނީ ހިދުމަތްދޭ ފަރާތްތަކުން އެ ހިދުމަތް ދިނުމުގައި އެތިކްސްގައި ހިފެހެއްޓުމަށާއި، އޭގެ ސްޓޭންޑަޑާ އެއްގޮތަށް އަމަލު ކުރުމަށް އެދިވަޑައިގެންފައެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ ނެޝަނަލް މެންޓަލް ހެލްތު ސްޓްރެޓިޖިކް ޕްލޭން 2016 – 2021ގައި ވާގޮތުގެ މަތީން ނަފްސާނީ ބަލިތަކަށް ފަރުވާދޭ ފަރާތްތަކުގެ ކޯޑު އޮފް އެތިކްސް ކަމާބެހޭ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ގާއިމުކުރުމަށް ގޮވާލައްވާފައެވެ.

ވިލާ ކޮލެޖުގެ ހޯލަށް ފަޒްނާ އަހްމަދު، ވެދެވަޑައިގަންނަވަނީ --
މީގެ އިތުރުން އެކަމަނާ ވަނީ ކޯޑް އޮފް އެތިކްސް ގާއިމުވެ، އެއަށް އަމަލުކުރަން ފެށުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވަނީ ރާއްޖޭގައި ވެސް ނަފްސާނީ ބަލިމަޑުކަން ތަހައްމަލުކުރަމުންދާ މީހުން އިތުރުވަމުންދާ މައްސަލައިގެ ހައްލު ހޯދުމަށް ހުރިހާ މުވައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.
އަދި ހުރިހާ ފަރާތްތަކުން ވެސް އިހްސާންތެރިވުމުގެ ސިފައަށަގެންނެވުމަށް އެކަމަނާ ބާރުއެޅުއްވެވިއެވެ. މީގެ އިތުރުން އެކަމުގެ ސަބަބުން މުޅި މުޖުތަމައަށް ލިބިގެންދާނެ ފައިދާތަކަށާއި އެކަމުގެ މުހިންމުކަމުގެ މައްޗަށް މި ހަފްލާގައި އެކަމަނާ އަލިއަޅުއްވާލެއްވެވިއެވެ.
މި ހަފްލާގައި ފަޒްނާ ވަނީ ވިލާ ކޮލެޖުން އިސްނަގައިގެން ސައިކޮލޮޖީ އެސޯސިއޭޝަނެއް އެ ކޮލެޖުގައި ގާއިމުކުރުމުން އެކަމަށް ތައުރީފުކުރައްވާފައެވެ.

ފަޒްނާ އަހްމަދު، ވިލާ ކޮލެޖްގެ ސައިކޮލޮޖީ އެސޯސިއޭޝަން އިފްތިތާހްކޮށްދެއްވުން --
އެގޮތުން އެކަމަނާ ވަނީ ކޮލެޖުގެ ސްޓްރެޓީޖިކް ޕްރިއޮރިޓީ އަކަށް ނަފްސާނީ ދުޅަހެޔޮކަންވެ، ކޮލެޖުގެ މުސްތަގްބަލު ބިނާކުރުމުގައި ނަފްސާނީ ދުޅަހެޔޮކަން އިސް ދައުރެއް އަދާކުރުމަށް އެކަމަނާ އެދިވަޑައިގަންނަވާކަމަށާ، އަދި އޭގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރުމުގައި އިސް ދައުރެއް އަދާ ކުރާ ކޮލެޖަކަށް ވިލާ ކޮލެޖު ވެގެން ދިއުމަށް ވެސް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.