ކުނި ނުނަގާނަމަ މެސެޖުކުރާނެ ނަމްބަރެއް ވެމްކޯއިން ތައާރަފްކޮށްފި

އޭޕްރީލް 16، 2020: މާލެއިން ކޮވިޑް19އަށް މީހަކު ޕޮޒޮޓިވް ކޭސްއެށް ފެނުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުން: ވެމްކޯ ކުނި ކަލެކްޝަން މީހުން ގޭގެއިން ކުނި ނަގަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގައި ރަޖިސްްރީކޮށްފައިވާ ގޭބީސީތަކުގެ ތެރެއިން ކުނި ނުގެންދެވި ހުންނަ ނަމަ އެކަން ސަމާލުކަމަށް ގެނައުމަށް ޓަކައި މެސެޖުކޮށް އެކަން އަންގަން ބޭނުންކުރާނެ ނަމްބަރެއް ވެމްކޯއިން ތައާރަފްކޮށްފިއެވެ.

ވެމްކޯއިން ތައާރަފްކޮށްފައިވަނީ 7998047 ވައިބަރު ނަމްބަރެވެ. ކުނި ގެންދިއުމުގެ އެއްވެސް މައްސަލައެއް އޮތް ނަމަ އެ ނަމްބަރަށް ވައިބަރު މެދުވެރިކޮށް އެ ނަމްބަރަށް އެކަން އެންގުމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

ވެމްކޯއިން ބުނީ މިހާރު ވެސް އިތުރަށް މި ހިދުމަތް ފަސޭހަކޮށް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ހަމައެއާއެކު ވެމްކޯގެ ހޮޓްލައިން ނަމްބަރު 1666އަށް ގުޅައިގެން ވެސް އާންމުންނަށް ހިދުމަތްތަކާ ގުޅުންހުރި ކަންކަން އޮޅުންފިލުވޭނެކަމަށް ވެމްކޯއިން ބުންޏެވެ.

ގޭބިސީތަކުގެ ވަކިވަކި ފަންގިފިލާއިން ކުނި ނެގުން އަލުން ފެށީ ސެޕްޓެމްބަރު 15 ވަނަ ދުވަހެވެ. އަދި ހިދުމަތް ދޭނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް ވެސް ވެމްކޯއިން ވަނީ ބުނެފައެވެ.

ނަމަވެސް އާއްމުންގެ ޝަކުވާ އިތުރުވުމާއި ނުގެންދާ ކުނި ގިނަވެ މާލޭގެ މަގުތައް ގޮނޑުވަމުން ދިއުމާ ގުޅިގެން ރަޖިސްޓްރީ ކުރަން އިތުރު ވަގުތު ވެމްކޯއިން ދިނެވެ. އަދި ހަމައެކަނި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ކުނި ގެންދާ ގޮތަށް އަމަލުކުރަން ފަށާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ނަމަވެސް ރަޖިސްޓްރީ ނުކޮށް މަގުތަކަށް ނެރޭ ކުނި ވެމްކޯއިން ނުނަގާނެ ކަމަށް ދުރާލާ އިއުލާނު ކޮށްފައިވާނެ ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ. ބައެއް ފަރާތްތަކުން ކުނި ނެރޭ ގަޑިއަށް ސަމާލު ނުވެ ކުނި ނެރޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާރު ރަޖިސްޓްރީ ކޮށްފައި ނުވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ރަޖިސްޓްރީ ކުރުމަށާއި މަގުތަކަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސް ކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް