ފްލައިން ސްކޫލުގެ ކިޔެވުން ޑިސެމްބަރު މަހު އަލުން ފަށަނީ

އައްޑޫ ފްލައިން ސްކޫލުގައި ބޭނުންކުރާ ބޯޓުތަކެއް--ފޮޓޯ: އައްޑޫ ލައިވް

އައްޑޫ ސިޓީގައި ހުންނަ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) ފްލައިން ސްކޫލުގެ ކިޔެވުން ޑިސެމްބަރު މަހު އަލުން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކަންބޮޑުވުން ހިއްސާކުރުމުގެ ގޮތުން އެ ސްކޫލުގައި ކިޔަވާ ބައެއް ދަރިވަރުންނާއި ކަމާ ގުޅުން ހުރި އިދާރާތަކުގެ ވެރިންނާ މިއަދު ރައީސް ވަނީ ބައްދަލުކުރައްވާފައެވެ. ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފްލައިން ސްކޫލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެގޮތުން ފްލައިން ސްކޫލު އަލުން ހިންގުމަށް ޓަކައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި އައިލެންޑް އޭވިއޭޝަން ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏެެއް ހަދަން ނިންމާފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި އެ ކުންފުނީގެ ދަށުން ރާއްޖޭގައި ހިންގާ ފަލައިން ސްކޫލް ހިންގާނީ ޕްރޮފެޝަނަލް ޔޫރަޕިއަން ފްލައިން ސްކޫލަކުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އޮކްޓޯބަރު 10، 2021: ފްލައިން ސްކޫލުގެ ދަރިވަރުންނާ ރައީސް ސޯލިހު ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން އެ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޓޮޕްއަޕް ލޯންތަކެއް ދޭން ނިންމާފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިއަދު އޮތް ބައްދަލުވުމުގައި ދަރިވަރުންގެ ފަރާތުން ވެސް ގިނަ ކަންބޮޑުވުންތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން ކިޔެވުން މެދުކެނޑިފައި އޮންނަތާ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައި ވުމާއި، ކޯހަށް ދެއްކި ފައިސާ އަނބުރާ ނުލިބުމުގެ ކަންބޮޑުވުން ރައީސާ ހިއްސާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ރައީސް އޮފީހުގެ އިސްވެރިންނާއި، އައިލެންޑް އޭވިއޭޝަންގެ އިސްވެރިން ވެސް ބައިވެރިވެފައިވެއެވެ.

އައްޑޫ ސިޓީގައި ހިންގާ ޓްރިޕްލް އޭ ފްލައިން ސްކޫލްގެ މިލްކިއްޔާތު އެވިޑް ކޮލެޖުން ގަނެ، އެވިޑް ސްކޫލް އޮފް އޭވިއޭޝަން އިފްތިތާހުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 24ވަނަ ދުވަހެވެ.

އެވިޑް ކޮލެޖުން އައްޑޫ ފްލައިން ސްކޫލާ ހަވާލުވީ އެ ސްކޫލްގެ ހިންގުން ދޯދިޔާވެ ކުދިންނަށް ކޯސް ފުރިހަމަ ނުކުރެވި ކޯސް ދިގުދަންމާލަމުންދާތީ އެ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ އެތައް ދުވަހެއް ވުމުންނެވެ.

ނަމަވެސް ފްލައިން ސްކޫލުގެ އެއްބަސްވުން އެވިޑު ކޮލެޖުން މިދިޔަ މަހުގެ 18ވަނަ ދުވަހުވަނީ ބާތިލުކޮށްފައެވެ.

އެވިޑު ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދު މީގެ ކުރިން ވިދާޅުވީ އެ އެއްބަސްވުން ބާތިލްކުރީ އެ އެއްބަސްވުމުގައި ސޮއިކުރިތާ ދެ މަސް ވެގެން ދިޔައިރު ވެސް ކަމާބެހޭ އިދާރާތަކުން ފްލައިން ސްކޫލުގައި ތިބޭނެ ތަނެއް ވެސް ހަމަޖައްސައިދީފައި ނުވާތީކަމަށެވެ.

އޭގެ ސަބަބުން 4.7 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު ކަމަށް މުސްތާގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފްލައިން ސްކޫލްގެ ކުދިންގެ ހައްގު ހޯދައިދިނުމަށް ކުރެވުނު ހުރިހާ ކަމެއް އެވިޑް ކޮލެޖުން ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެކަމަށް އަލިމަގެއް ނުފެނުމުން އެެއްބަސްވުން އުވާލަން މަޖުބޫރުވީ ކަމަށެވެ.

comment ކޮމެންޓް