ކޮވިޑުގައި މި މަހު ތިންވަނަ މީހަކު މަރުވެއްޖެ، ޖުމުލަ އަދަދު 234 އަށް

ހުޅުމާލޭ މެޑިކަލް ފެސިލިޓީ-- ފޮޓޯ/ ޕީއެސްއެމް

ކޮވިޑް-19އަށް ފަރުވާ ދެމުންދަނިކޮށް މި މަހުގެ ތެރޭގައި ތިންވަނަ މީހަކު މަރުވެއްޖެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ އުމުރުން 73 އަހަރުގެ އަންހެނެކެވެ.

މިއީ ކޮވިޑު ޖެހިގެން މި މަހުގެ ތެރޭގައި މަރުވި ތިންވަނަ މީހާއެވެ.

އެ މަރާއެކު ރާއްޖެއިން މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 234 އަށް އަރާފައެވެ.

އެޗްޕީއޭއިން ރޭ އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު 6:00އާ ހަމައަށް ހިނގި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އިތުރު 46 މީހުން ވަނީ ކޮވިޑް19އަށް ޕޮޒިޓިވްވެފައެވެ.

އެއާއެކު އެކްޓިވް ކޭސްތަކުގެ އަދަދު 1،339އަށް ވަނީ އަރާފައެވެ. އަދި ރާއްޖެއިން މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 85,394 އެވެ.

comment ކޮމެންޓް