މައިންބަފައިންނާ ހެޔޮބަހުން މުހާތަބުކުރުމަކީ ވާޖިބެއް: ހުތުބާ

ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މައިންބަފައިންނާ މުހާތަބު ކުރުމުގައި ހެޔޮ ބަހުން މުހާތަބު ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ހާއްސަކޮށް ދެއްކީ އެއްބަޔަކު އަނެއް ބަޔަކާ މުހާތަބު ކުރުމުގައި ހެޔޮ ބަސް ބޭނުން ކުރުމުގެ މުހިންމުކަމާއި އިސްލާމްދީނުގައި އެކަމަށް ބާރު އަޅާ މިންވަރުގެ ވާހަކައެވެ.

އެގޮތުން ހުތުބާގައި ވަނީ މައިންބަފައިންނާ މުހާތަބު ކުރާއިރު ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއް ނަމަވެސް ނުބުނުމަށް މާތްﷲ ކީރިތި ގުރްއަނުގައި ވަހީކުރައްވާފައިވާ ކަން ފާހަގަކޮށްފައެވެ.

މައިންބަފައިންގެ އިތުރުން ދެމަފިރިންނާއި، އަހުންނާއި އުހްތުންނާއި، ގާތްތިމާގެ މީހުންނާއި، އަވައްޓެރިން އަދި މި ނޫންވެސް އެހެން މީހުންނާއި މުހާތަބު ކުރުމުގައި ހެޔޮ ބަސް ބޭނުންކޮށް، ރީތިކޮށް މުހާތަބު ކުރުމަށް ހުތުބާގައި ވަނީ ގޮވައިލައިފައެވެ.

މީގެ އިތުރުން ހެޔޮ ބަސް ބުނުމަކީ އެއްވެސް ހޭދައެއް ނުކޮށް، ރައްޔިތުންނަށް ކުރެވޭ ސަދަގާތެއް ކަމަށާއި ހެޔޮ ބަސް ބުނުމަކީ އެ ބަސް ބުނާ މީހާއަށާއި ބަސް އަޑު އިވޭ މީހާއަށް ވެސް އޭގެ މަންފާއާއި ލާބަ ލިބޭނެ ކަމެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ވަނީ އިންސާނާއަށް ހަޑި ހުތުރު ބަހުރުވަ ދަސްކޮށްދީ، ހަޑި ހުތުރު އަމަލުތައް ޒީނަތްތެރި ކޮށްދީ ،ވަސްވާސްދީ ހަދަނީ ޝައިތާނާ ކަން ފާހަގަކޮށް އެފަދަ ކަންކަމުން ދުރުހެލި ވުމަށް ރައްޔިތުން މަސައްކަތް ކުރުމަށް ގޮވައިލައިފައެވެ.

ހަމަ އެހެންމެ ނުބައި ބަހަކީ އެއްވެސް ހަރުދަނާ ކަމެއް ނެތް ބަހެއް ކަމަށާއި ނުބައި ބަސް ބޭނުން ކޮށް މުހާތަބުކުރާ މުޖްތަމައެއްގައި ފިތުނަ ފަސާދަ އުފެދިގެން ދާނެ ކަން ވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް