ބަންގަލަދޭޝް 0-2 އިން ބަލި ކުރުމަކީ ގައުމީ ދުވަހު ދިވެހީންނަށް ދިން ހަދިޔާއެއް ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.
ފުރަތަމަ މެޗުން ނޭޕާލް އަތުން 1-0 އިން ބަލިވެފައިވަނިކޮށް މިރޭ ރާއްޖެ ވަނީ ދެ ގޯލުގެ ތަފާތަކުން ބަންގަލަދޭޝް ބަލިކޮށް އުންމީދުއާ ކޮށްފައެވެ. ރާއްޖޭގެ ފުރަތަމަ ގޯލު ހަމްޒާ މުހައްމަދު (ހަމްޕް) ކާމިޔާބުކޮށްދިންއިރު ދެވަނަ ގޯލު, ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ދަގަނޑޭއެވެ.
މެޗަށްފަހު ވާހަކަދައްކަމުން ދަގަނޑޭ ބުނީ, އެ މޮޅަކީ ގައުމީ ދުވަހުގެ މުނާސްބަތުގައި ދިވެހީންނަށް ދިން ހަދިޔާއެއް ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި ވެސް ގައުމީ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ދައްކާނެ ކަމަށެވެ.
"މި މޮޅަކީ ދިވެހި ރައްޔިތުންނަށް ދޭ ގައުމީ ދުވަހުގެ ހާއްސަ ހަދިޔާއެއް،" މެޗަށްފަހު ވާހަކަ ދައްކަމުން ދަނގަޑޭ ބުންޏެވެ.
އިތުރަށް ވާހަކަ ދައްކަމުން ދަގަނޑޭ ބުނީ, މުހިންމީ ގޯލު ޖެހުން ނޫން ކަމަށާއި ޓީމް މޮޅުވުމުން މަގުސަދު ހާސިލްވީ ކަމަށެވެ.
ގައުމީ ޓީމަށް މިރޭ ދަގަނޑޭ ކާމިޔާބުކޮށްދިން ގޯލާ އެކު ސާފްޗެމްޕިއަންޝިޕްގައި އޭނާ ޖެހި ގޯލުގެ އަދަދު ވަނީ 21 އަށް އަރާފައެވެ. އެ މުބާރާތުގެ ޓޮޕް ސްކޯރާއަކީ ވެސް ދަގަނޑޭއެވެ.
ރާއްޖެއިން ސާފުގައި ދެން މެޗެއް ކުޅޭނީ މި މަހުގެ 10ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއިން ކުޅޭނީ ސްރީލަންކާއާ ދެކޮޅަށެވެ. މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ރާއްޖެ ވަނީ ތިން ވަނައަށް ޖެހިލާފައެވެ.