އެމެރިކާގެ ވިޔަފާރި ޕަބްލިކޭޝަނެއް ކަމަށްވާ "ފާސްޓް ކޮމްޕެނީ" ހެކްކޮށްފިއެވެ.
ފާސްޓް ކޮމްޕެނީ އިން ބުނީ ހެކަރުން އެކުންފުނީގެ ސިސްޓަމް ތެރެއަށް ވަދެ، އެޕަލް ނިއުސް ބޭނުންކުރާ ފަރާތްތަކަށް ނުބައި ޕުޝް ނޮޓިފިކޭޝަންތަކެއް ފޮނުވަމުންދާ ކަމަށެވެ.
ފާސްޓް ކޮމްޕެނީއަކީ ޓެކްނޮލޮޖީއާއި ވިޔަފާރިއާއި ޑިޒައިންއަށް ފޯކަސްކޮށް ޕްރިންޓް އަދި އޮންލައިންކޮށް ކޮންމެ މަހަކު ޝާއިއުކުރާ އެމެރިކާގެ ވިޔަފާރި މަޖައްލާއެކެވެ. އެގޮތުން އަހަރަކު ހަ ޕްރިންޓް ޝާއިއު ކުރެއެވެ.
ފާސްޓް ކޮމްޕެނީން ނެރުނު ބަޔާނެއްގައި ބުނީ އަންގާރަ ދުވަހު ހެކަރަކު އެ ކުންފުނީގެ ކޮންޓެންޓް މެނޭޖްމަންޓް ސިސްޓަމް (ސީއެމްއެސް)އަށް ވަދެ، އެ ޕަބްލިކޭޝަންގެ އެޕަލް ނިއުސް އެކައުންޓަށް ވަދެވޭނެ ގޮތް ހެދި ކަމަށެވެ. ހެކަރު މި އެކްސެސް ބޭނުންކޮށްގެން އެޕަލް ނިއުސްގެ ސަބްސްކްރައިބަރުންނަށް "ފާހިޝް އަދި ނަސްލީ ތަފާތު ކުރުމާ ގުޅުން ހުރި" ދެ ޕުޝް ނޮޓިފިކޭޝަން ފޮނުވި ކަމަށް އެ ކުންފުނިން ބުންޏެވެ.
"އެ މެސެޖުތަކަކީ ވަރަށް ދަށުދަރަޖައިގެ މެސެޖުތަކެއް ކަމަށާއި އެއީ ފާސްޓް ކޮމްޕެނީގެ ކޮންޓެންޓާއި އުޞޫލުތަކާ މުޅިން ޚިލާފު އަމަލެއް،" ފާސްޓް ކޮމްޕެނީން ބުންޏެވެ.
"އަޅުގަނޑުމެން މިކަން ތަހުގީގު ކުރަމުން މިދަނީ، މިކަން ހައްލު ކުރެވެންދެން ފާސްޓްކޮމްޕެނީ ޑޮޓްކޮމް ހުންނާނީ ބަންދުކޮށްފައި." އެކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.
މިކަމާގުޅިގެން އެޕަލްއިން ވަނީ އެ ވެބްސައިޓް ހެކް ކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި ފާސްޓް ކޮމްޕެނީގެ އެޕަލް ނިއުސް އެކައުންޓް ސަސްޕެންޑް ކޮށްފައިވާކަންވެސް ޓްވިޓާ މެދުވެރިކޮށް އެޕަލްއިން ވަނީ ޔަގީންކޮށްދީފައެވެ.
ފާސްޓް ކޮމްޕެނީން އިތުރަށް ބުނީ އެމީހުންގެ ވެބްސައިޓް ހެކް ކުރުމުގެ ކުރިން ހުކުރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައިވެސް ހެކަރުންގެ އެ އަމަލާ ގުޅުންހުރި ކަމެއް އެ ސައިޓުން ފާހަގަކުރެވުނު ކަމަށެވެ. އެގޮތުން އެ ސައިޓްގެ ހޯމްޕޭޖާއި އެހެން ޕޭޖްތަކުގައި ވެސް މިފަދަ ގޯސް މެސެޖް ތަކަކާއި، ފޮޓޯތަކެއް ޕޯސްޓްކޮށްފައިވާކަން ފާހަގަ ކުރެވުނު ކަމަށް އެ ކުންފުނިން ބުންޏެވެ.
An incredibly offensive alert was sent by Fast Company, which has been hacked. Apple News has disabled their channel.
— Apple News (@AppleNews) September 28, 2022
"އަޅުގަނޑުމެން އެދުވަހުގެ މެންދުރު އެ ސައިޓް ބަންދުކޮށް، ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުން އެކަން ހައްލުކުރިން،" އެކުންފުނިން އިތުރަށް ބުންޏެވެ.
"އަޅުގަނޑުމެންގެ ޕްލެޓްފޯމްތަކުންނާއި އެޕަލް ނިއުސް އެކައުންޓް މެދުވެރިކޮށް މިފަދަ ނޭދެވޭ މެސެޖެއް ފެނިގެން ދިޔައިތީ ފާސްޓް ކޮމްޕެނީ ހިތާމަކުރަން، އަދި އެ މެސެޖް ފުހެލުމުގެ ކުރިން ފެނުނު ފަރާތްތަކުގެ ކިބައިން އަޅުގަނޑުމެން މާފަށް އެދެން." ފާސްޓް ކޮމްޕެނީއިން ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުގައި މި ހެކަރުން މިއަމަލު ހިންގީ ކޮންސަބަބަކާ ހުރެކަމެއް އެއްވެސް ރަސްމީފަރާތަކުން ކަށަވަރުކޮށް ނުދެއެވެ. މިކަމުގެ އިތުރު ތަފްސީލެއްވެސް ފާސްޓް ކޮމްޕެނީން އެއްވެސް މީޑިއާއަކަށްވެސް ދީފައެއް ނުވެއެވެ.
ފާސްޓް ކޮމްޕެނީގެ ވެބްސައިޓް އޮފްލައިން ކުރުމުގެ ކުރިން "ތްރެކްސް"ގެ ނަން ބޭނުން ކުރި ހެކަރު ވަނީ އެ ވެބްސައިޓު ހެކްކުރި ގޮތް ކިޔައިދީފައެވެ.
އެ މެސެޖުގައި ބުނެފައި ވަނީ ފާސްޓް ކޮމްޕެނީގައި (އެޑްމިނިސްޓްރޭޓަރެއް ހިމެނޭ ގޮތަށް) ގިނަ އަދަދެއްގެ އެކައުންޓްތަކުގައި ފަސޭހަ ޑިފޯލްޓް ޕާސްވޯޑެއް ބޭނުންކޮށްފައި ހުރި ކަމަށެވެ. އެ އެކައުންޓުތައް ހެކްކުރުމުން އޯތެންޓިކޭޝަން ޓޯކެން ފަދަ ސިއްރު މައުލޫމާތުތައް ފެންނަ ގޮތްވި ކަމަށް ހެކް ކުރި ފަރާތުން ބުނެފައިވެއެވެ.
މަޝްހޫރު ހެކިން ފޯރަމަކަށް ހުކުރު ދުވަހު ފޮނުވި މެސެޖެއްގައި އެ ހެކަރު ވަނީ މުވައްޒަފުންގެ އީމެއިލް އެޑްރެސްތަކާއި ބައެއް މީހުންގެ ޕާސްވޯޑް ހެޝްތަކާއި ޝާއިއު ނުކުރާ ޑްރާފްޓްތަކާއި އެހެނިހެން މައުލޫމާތު ހިމެނޭ 6،737 ފާސްޓް ކޮމްޕެނީގެ މުވައްޒަފުންގެ ރެކޯޑްތަކުގެ ޑޭޓާބޭސްއެއް އާންމުކުރާކަން އިއުލާންކޮށްފައެވެ.
އެ ހެކަރު ވަނީ މީގެ ކުރިން ފޮޓޯ ހިއްސާކުރާ ވެބްސައިޓް ކްލިކްއޭއެސްނެޕް އާއި ފްރީ ސްޕީޗް ސޯޝަލް ނެޓްވޯކެއް ކަމަށްވާ ޔޫއެސްއޭ ލައިފް ވެސް ހެކްކުރި ކަމަށް ބުނެފައެވެ. ނަމަވެސް އެ ވެބްސައިޓުތަކުގެ ކަސްޓަމަރުންގެ ރެކޯޑްތައް ވަކި ޑޭޓާބޭސްއެއްގައި ރައްކާކޮށްފައި ހުރުމުން އެ ރެކޯޑްތަކަށް ނުވަދެވުނު ކަމަށް ބުނެފައިވެއެވެ.