ރާއްޖެއިން އަވަށްޓެރި ގައުމުތަކަށް ވެކްސިން ހަދިޔާ ކުރަނީ

ފެބްރުއަރީ 9، 2021: ކޮވިޑް-19ގެ ވެކްސިނެއް-- ސަން ފޮޓޯ

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖެއިން ހޯދި ވެކްސިން، އަވަށްޓެރި ބައެއް ގައުމުތަކަށް ހަދިޔާކުރަން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް "ސަން"އަށް ވިދާޅުވީ އެ ގައުމުތައް ވެސް ކޮވިޑުން އަރަައިގަތުމަށް އެހީވުމުގެ ގޮތުން ވެކްސިން ހަދިޔާ ކުރަން ނިންމައިފައިވާ ކަމަށެވެ.

"ވެކްސިން ހަދިޔާ ކުރަން ނިންމައިފައިވަނީ ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ރާއްޖެއަށް ވެކްސިން ލިބިފައިވާތީ،" މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން ވެކްސިން ހަދިޔާ ކުރަން ނިންމައިފައިވަނީ ބަންގްލަދޭޝާއި ނޭޕާލްއަށެވެ. އެގޮތުން މި އެ ގައުމުގެ ތެރެއިން ކޮންމެ ގައުމަކަށް ދެ ލައްކަ ޑޯޒުގެ އެސްޓްރަޒެނެކާ ވެކްސިން ހަދިޔާ ކުރުމަށް ވަނީ ނިންމައިފައެވެ.

އޭގެ ތެރެއިން ބަންގްލަދޭޝަށް ހަދިޔާ ކުރާ 201,600 މިހާރު ވަނީ ބަންގްލަދޭޝް ހައި ކޮމިޝަނާ ހަވާލުކޮށްފައެވެ.

އެ ކަމަށް ޓަކައި އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު ރާއްޖޭގެ ފަރާތުން ސޮއިކޮށްފައިވަނީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމެވެ. އަދި ބަންގްލަދޭޝްގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަ ސަފީރު ރިއާ އެޑްމިރަލް މުހައްމަދު ނަޒްމުލް ހަސަންއެވެ.

ބަންގްލްދޭޝްގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެއިން ހަދިޔާކުރި ވެކްސިން ހުކުރު ދުވަހުގެ ވަގުތެއްގައި ގަތަރު އެއާވޭސްގެ ބޯޓެއްގައި އެ ގައުމަށް ގެންދެވޭނެއެވެ.

ރާއްޖެއިން ސިންގަޕޫރު ކުންފުންޏެއް މެދުވެރިކޮށް އެސްޓްރާޒެނެކާ ވެކްސިން ގަނެފައިވާއިރު ބައެއް ގައުމުތަކުން ރާއްޖެއިން ވެކްސިން ހަދިޔާކޮށްފައި ވެސް ވެއެވެ. އެގޮތުން ޖަޕާނުން ވެސް ވަނީ އެސްޓްރަޒެނެކާ ވެކްސިން ހަދިޔާކޮށްފައެވެ.

comment ކޮމެންޓް