މަގާމުން ވަކިކުރަން ނިންމި ފަސް އޮފިސަރަކު ކޯޓަށް

ކވ. ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު، އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު، އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް --

ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި ފަސް އޮފިސަރަކު އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގައިއެވެ. އެއީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ.

ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ފުލުހުން:

  1. ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
  2. އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
  3. އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
  4. ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް
  5. ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް
  6. އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
  7. ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު

މަގާމުން ވަކިކުރުމަށް ނިންމާފައިވާ ހަތް އޮފިސަރުންގެ ތެރެއިން ސިިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ފަސް އޮފިސަރެކެވެ. އޭގެ ތެރޭގައި ނުހިމެނެނީ ފަރުހާދު ފިކުރީ އާއި އަހްމަދު ޝުހާދެވެ.

އެބޭފުޅުންގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރައްވާ ދިވެހި ޗެމްބާސްގެ ވަކީލުން ސޮއިކުރައްވައި މިއަދު ނެރުނު ބަޔާނެއްގައި ވަނީ މަގާމުން ވަކިކުރަން ނިންމިއިރު، އެބޭފުޅުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެކަމުގެ ސަބަބުން އެ އޮފިސަރުންގެ ގެއްލިފައިވާ ދުސްތޫރީ އަދި ގާނޫނީ ހައްގުތައް ހޯދުމަށް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ މައްސަލަ މިހާރު ވަނީ ސިވިލް ކޯޓުން ބަލައިގަނެފައެވެ. އަދި އާދިއްތަ ދުވަހުގެ 10:00ގައި އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލު ކުރަން ފެށީ މިދިޔަ މާޗް މަހުގަ އެވެ. އަދި އެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ފުލުހުންގެ ބޯޑެއް ވަނީ މިދިޔަ އޭޕްރިލް މަހު އެކުލަވާލައިފައިއެވެ.

އެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރަކު ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުން ނުވަތަ ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ނަމަ ނުވަތަ އެ މީހަކާ ދެކޮޅަށް އެފަދަ މައްސަލައެއް ރިޕޯޓުކޮށްފައިވާ ނަމަ، އެ އޮފިސަރަކީ މަގާމަށް ގާބިލު މީހެއް ކަމާ މެދު ގޮތެއް ނިންމުމުގެ ބާރު ފުލުހުންގެ ބޯޑަށް ދީފައިވެއެވެ.

އެ ބޯޑުން ނިންމާ ނިންމުން ތަންފީޒުކުރުމަށް ކޮމިޝަނަރަށް ފޮނުވަން ޖެހޭނެ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް