ކޮމެޓީތަކުގައި ހުރި މުހިންމު ބިލްތަކެއްގެ މަސައްކަތަށް މަޖިލިސް ޖަލްސާ ނިންމާލައިފި

ރައްޔިތުން މަޖިލިސް ކުރާ ގެ-- ސަން ފޮޓޯ

ކޮމެޓީތަކުގައި ހުރި މުހިއްމު ބިލްތަކެއްގެ މަސައްކަތް ކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ ކުރިއަށް ދިޔައީ ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ގަނީ އަބްދުލް ހަކީމް ހުށަހެޅުއްވި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރުމެވެ.

މެމްބަރުންގެ ބަހުސް ނިމުމާއެކު ރިޔާސަތުގައި އިންނެވި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ކޮމެޓީ ތަކުގައި ހުރި މުހިއްމު ބިލްތަކެއްގެ މަސައްކަތަށް މިއަދުގެ ޖަލްސާ ނިންމަވާލެއްވީ ކަމަށެވެ.

"އަޅުގަނޑު ގަސްތުކުރަނީ މަޖިލީހުގެ ތަޅުމުގެ މަސައްކަތް މިހާހިސާބުން ނިންމާލަން. މިއަދު އަޅުގަނޑު ބޭނުންވަނީ އިއްޒަތްތެރި މެމްބަރުން ކޮމެޓީ ތަކުގައިވާ ބިލް ތަކުގެ މަސައްކަތް ކުރިއަށް ގެންދަން. އެހެންވީމަ އަޅުގަނޑު އެދެނީ މިއަދަކީ މެމްބަރުން ކޮމެޓީ މަސައްކަތުގައި ހޭދަ ކުރައްވާ ދުހަކަށް ހެއްދެވުން،" އިވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ކޮމެޓީ ތަކުގައި ޖުމުލަ 31 ބިލެއްގެ މަސައްކަތް ކުރަން އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ވަރަށް މުހިއްމު ބިލްތައް ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް