އޭއައި ވޮއިސް އެސިސްޓެންޓުން ކުޑަކުދިންގެ ތަރުބިއްޔަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ: ދިރާސާ

ގޫގުލް އާއި އެމެޒޯން ފަދަ ކުންފުނިތަކުގެ ވޮއިސް ކޮންޓްރޯލް އެސިސްޓެންޓް ޑިވައިސްތަކުގެ ސަބަބުން، ހެދިބޮޑުވަމުން އަންނަ ކުޑަކުދިންގެ ތަރުބިއްޔަތަށް ދިގު މުއްދަތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ދިރާސާވެރިން ބުނެފިއެވެ.

ޔުނިވާސިޓީ އޮފް ކެމްބްރިޖްގެ ޓީމަކުން ބުނީ މެޝިނަރީއާ ބެހޭ ގޮތުން ކުޑަކުދިން ހޭލުންތެރިވި ނަމަވެސް އިޖުތިމާއީ މަސްނޫއީ ރޮބޮޓްތަކަކީ އޭގެ އަމިއްލަ ޒާތުގައި އެއްވެސް އިހުސާސްތަކެއް ހުރި އުފެއްދުންތަކެއްގެ ނޫންކަމުގައި ކުޑަކުދިންނަށް ދެނެނުގަވޭނެ ކަމަށެވެ.

މިކަން އިތުރަށް ގޯސްވެގެންދަނީ "ހޭ ގޫގުލް" ނުވަތަ "ހައި އެލެކްސާ" ފަދަ ވޭކް ކޮމާންޑްތައް ބޭނުންކޮށްގެން ޑިވައިސްތަކާ މުއާމަލާތްކުރާ ގޮތުގެ ސަބަބުން ކުޑަކުދިން ކިބައިގައި ހުންނަ އިންސާނިއްޔަތު ކަމުގެ ރީތި ސިފަތައް ގެއްލިގެން ދިއުމުގެ ނުރައްކާ އިތުރުވެގެންދާތީއެވެ. އެއީ އެ މުޢާމަލާތްތަކުގެ ތެރޭގައި "ޕްލީޒް" ނުވަތަ "ޝުކުރިއްޔާ" ފަދަ އަދަބުވެރި ލަފުޒުތައް ބޭނުންކުރަންޖެހޭނެ ކަމުގެ ވިސްނުމެއް ނުހުންނާތީއެވެ. އަދި އެފަދަ ޑިވައިސްތަކަށް ހަރުކަށިކޮށް އަމުރުކޮށް، ރުޅިވެރިކޮށް ސުވާލު ކުރުމަކީ ބޮޑާކަމުގެ ސިފަތައް ކަމަށްވާތީއެވެ.

ކުޑަކުދިން އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން އެގޮތަށް ވާހަކަނުދެއްކުމަށް ސްމާޓް ސްޕީކަރުތަކުން އެކުދިންނަކަށް ބުނެއެއް ނުދެވެއެވެ. މާނައަކީ ބިނާކުރަނިވި ފީޑްބެކް ދިނުމަށް އެތަކެތި ނުކުޅެދުންތެރިވެއެވެ. އެހެންކަމުން ކުދިން ބޮޑުވަމުން އަންނަ އިރު އޭގެ ސަބަބުން އިޖުތިމާއީ ގޮތުން ނޭދެވޭ އަސަރުތައް އެކުދިންނަށް ކޮށްފާނެއެވެ.

އެ ދިރާސާގައި ފާހަގަކުރި ގޮތުގައި އެމެޒޯނުން މިކަމާ ދެކޮޅަށް މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން ފުރަތަމަ އެޅި ބައެއް ފިޔަވަޅުތަކުގެ ތެރޭގައި އެލެކްސާ ޑިވައިސްތަކުގައި އެ ކުންފުނީގެ އިޚްތިޔާރީ 'މެޖިކް ވޯޑް' ފަންކްޝަން ބޭނުންކުރަން ފެށިއެވެ. އެހެންނަމަވެސް އެ ފަންކްޝަންގެ ސަބަބުން އަދަބުވެރި ބައެއްކަހަލަ ބަސްތައް ބޭނުންކުރިނަމަވެސް، އަދަބު އިޙްތިރާމްގެ އުސޫލުތައް ބޭނުން ކުރުމަށް އެންމެ އެކަށީގެންވާ މިންވަރެއްގައި އެލްކްސާ ތަރައްގީ ވެފައިނުވާ ކަމަށް ދިރާސާގައިވެއެވެ.

ކޮވިޑް-19ގެ ދުވަސްވަރު ކުޑަކުދިން ގޭގައި ތިބުމަށް މަޖުބޫރު ވުމުގެ ސަބަބުންނާއި، މިހާރުވެސް އެއްވެ އުޅުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ، ފާއިތުވި އަހަރުތަކުގައި އެކަމުގެ ނޭދެވޭ އަސަރު ވަކިން ބޮޑަށް ކުޑަކުދިންނަށް ކޮށްފައި ވެދާނެކަމަށް ދިރާސާވެރިން ލަފާކުރެއެވެ.

"އަޑުގެ ޑިވައިސްތައް އިތުރުވުމުން އަހަރެމެންގެ އާންމު ދިރިއުޅުމަށް ވަރަށް ބޮޑު ފައިދާއެއް ލިބިއްޖެ،" ދިރާސާވެރިން ބުނެފައިވެއެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީގައި ވާހަކަދައްކާ އެފަދަ ޑިވައިސްތަކުގެ ގާބިލްކަން އިތުރުވެ ހަލުވިކަމާއެކު މައުލޫމާތު ފޯރުކޮށްދިނުމާއި، ދުވަހުން ދުވަހަށް ކުރާ ކަންކަމުގައި އެހީތެރިވުމާއި، އެކަނިވެރި ދޮށީ އުމުރުގެ މީހުންނަށް އިޖުތިމާއީ އެކުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ މުހިންމު އަދި ބޭނުންތެރި ކަމެކެވެ. ނަމަވެސް ކުދިން އޭއައިއާ މުއާމަލާތް ކުރުމުން ދިގު މުއްދަތަކަށް ކުރާނެ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން ވީހާވެސް އަވަހަކަށް ދިރާސާތަކެއް ކުރަން ޖެހެއެވެ.

"އިޖުތިމާއީ އަދި ޖަޒުބާތީ ތަރައްގީގެ މުހިންމު މަރުހަލާތަކުގައި ޑިވައިސްތަކާ މުއާމަލާތް ކުރުމަކީ އިޙްތިރާމާއި އޯގާތެރިކަމާއި ފާޑުކިޔުންތެރި ވިސްނުމަށް ދިގު މުއްދަތުގައި އަސަރު ކުރާނެ ކަމެއް." ދިރާސާވެރިން ފާހަގަކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު