ޔާމީން ދޫކޮލުމާ ގުޅޭ ގޮތުން މާދަމާ ސުޕްރީމް ކޯޓުން ގޮތެއް ނިންމަނީ

އޮގަސްޓް 2، 2021: ގޭ ބަންދުގައި ހުންނެވި ރައީސް ޔާމީން އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ކުޑަދޮރު ކައިރީގައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ކަފާލާތުގެ ދަށުން ދޫލޮށްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މާދަމާ ގޮތެއް ނިންމާނެ ކަމަށް ބުނެފިއެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް އިއްވެވި ހުކުމް ހައި ކޯޓުން ދަމަަހައްޓައިފައިވާއިރު، އެ މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އަދި ދިފާއީ ވަކީލުން ވަނީ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށް، ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލުމަށް ސުޕްރީމު ކޯޓަށް ހުށަހަޅައިފައެވެ.

އެ މައްސަލައިގެ އަޑުއެހުންތަށް ފަށައިގެން ކުރިއަށްދާއިރު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދި ހުށަހަޅައިފައިވާ މައްސަލައާ ގުޅޭ ގޮތުން މިއަދު ގޮތެއް ނިންމުމަށް ކުރިން އޮތީ ހަމަޖެހިފައެވެ. ނަމަވެސް ހުލާސާ ގޮތެއްގައި ދެ ފަރާތުން ވާހަކަ ދެއްކުމަށް ގިނަ ވަގުތަކެއް ބޭނުންވާތީ އެކަމަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވި އެވެ.

އެ އަޑުއެހުން މާދަމާގެ ވަގުތެއްގައި ބޭއްވުމަށް ތާވަލުކުރާނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

މާދަމާގެ އަޑުއެހުމުގައި ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމުގެ އިތުރުން، ދިފާއުން އަލަށް ހުށަހެޅި ހެކި ބަލައިގަތުމާ ގުޅޭ ގޮތުން ވެސް ގޮތެއް ނިންމާނެއެވެ. އަދި ދެ ފަރާތުން ހުލާސާ ގޮތެއްގައި ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވާނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލުމާ ގުޅޭ ގޮތުން ވަނީ ވާހަކަ ދައްކަވާފައެވެ. އެކަމަށް ދައުލަތުން ވަނީ އިއުތިރާޒް ކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އިންނަވާއިރު ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019ގައެވެ.

އެ މައްސަލަ އެ މަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ކްރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދު ކުރީ މިއަހަރުގެ ޖެނުއަރީ 21 ވަނަ ދުވަހުއެވެ.

comment ކޮމެންޓް