ދެ މިސްކިތަށާއި ރައީސް އޮފީސް ދޮރުމައްޗަށް ކުޑަކަމުދިޔަ މީހާ ހައްޔަރުކޮށްފި

މޭ 7، 2020: އިސްލާމީ މަރުކަޒު-- ސަން ފޮޓޯ

ރޭ މަޣްރިބް ނަމާދުގެ ޖަމާއަތުގައި މީހުން ނަމާދު ކުރަން ތިއްބާ މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު)އަށް ވަދެ ކުޑަކަމު ދިޔަ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެ މީހާ ވަނީ ރައީސް އޮފީހުގެ ކުރިމައްޗަށާއި ހުކުރު މިސްކިތުގެ ތެރެއަށް ވެސް ކުޑަކަމު ގޮސްފައެވެ.

ފުލުހުން ބުނީ އެއީ ނުކުޅެދުންތެރިކަން ހުރި މީހެއް ކަން ފާހަގަވެފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން މިނިސްޓަރު އިމްރާނާ ސުވާލު ކުރެއްވުމުގެ ތެރެއިން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވަނީ ދީނަށް ފުރައްސާރަ ކުރާ ކޮންމެ މީހަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްތޯ މިނިސްޓަރާ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ރޭގެ މައްސަލައިގައި ފާހަގަވި މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

"ރޭގައި ތި ވިދާޅުވި މައްސަލައިގަސި އެކަން ހިންގި ފަރާތް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފަ. އެކަން މިހާރު ދަނީ ތަހުގީގުކޮށް ބަލަމުން." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިސްކިތްތަކުގެ ހުރުމަތް ކެނޑޭ ފަދަ ގިނަ ކަންތައްތަކެއްގެ މައްސަލަ މީގެ ކުރިން ވެސް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭ އިސްލާމީ މަރުކަޒަށް ބަރަހަނާ ހާލުގައި ފިރިހެނެއް ވަތް މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެެވެ. އެފަހަރު ވެސް ފުލުހުން ބުނީ އެއީ ނަފްސާނީ މައްސަލައެއް ހުރި މީހެއް ކަމަށެވެ.

comment ކޮމެންޓް