ޑރ. މުއިއްޒުގެ މައްސަލަ: ހުށެހެޅުންތައް އަލުން ހުށަހެޅުމަށް ފުރުސަތު ދީފި

ދޮގު ބަޔާން ދިންކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމަށް މުއިއްޒު ކޯޓަށް ހާޒިރުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދޮގު ބަޔާން ދިންކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައްް ހުށަހެޅުމަށް އަލުން ފުރުސަތު ދީފިއެވެ.

އެ މައްސަލައިގައި މީގެ ކުރިން ތިން އަޑުއެހުން ބާއްވާފައިވައިރު، މިއަދުގެ އަޑުއެހުމުގައި އޮތީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން ދެ ފަރާތުން ވާހަކަ ދެއްކުމެވެ.

ނަމަވެސް މިއަދު ހައިކޯޓުން ކުރި ހުކުމެއްގެ ބައެއް ދިފާއީ ވަކީލުން ވަނީ ގާޒީގެ ސަމާލުކަމަށް ގެނެސްފައެވެ.

އެ ހުކުމުގައި ބުނެފައިވަނީ، ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކަށް ފުރުސަތު ދޭން ޖެހޭނީ، ބަލަމުންދާ މައްސަލައަކީ މަދަނީ މިންގަނޑުން ބެލޭނެ މައްސަލައެއްކަމަށް ކަނޑައެޅުއްވުމަށްފަހުގައި ކަމަށެވެ.

އެކަމަށް ދައުލަތުން ވެސް އިންކާރުކޮށްފައެއް ނުވެއެވެ.

އެއާ އެކު މުއިއްޒުގެ ވަކީލު އާދަމް ޝަމީމް ވިދާޅުވީ، ދިފާއުން ބޭނުންވަނީ ޝަރީއަތުގެ މަރުހަލާ އެއްކޮށް އަލުން ފެށުމަށް ކަމަށާއި އެހެން ނޫނީ އޭނާގެ މުވައްކިލުގެ ހައްގުތަކެއް ގެއްލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެހެން ނަމަވެސް ގާޒީ ވިދާޅުވީ، މީގެ ކުރިން ވަނީ ދައުވާ އިއްވައި ހެކި ހާމަކުރުމަށް ފުރުސަތު ދީފައި ކަމަށާއި އެހެން ކަމުން ދެން ހުރި މަރުހަލާތައް ފެށިނަމަވެސް މުއިއްޒުގެ ހައްގެއް ގެއްލޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލައި ގާޒީ ނިންމެވީ އެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށެވެ. އަދި ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމަށް ވަނީ 15 ދުވަސް ދީފައެވެ.

މުއިއްޒުއާ ދެކޮޅަށް ދޮގު ބަޔާން ދިނުމުގެ ދައުވާ އުފުލީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު އާބިޓްރޭޝަން މައްސަލާގައި ނޫމަޑީގެ ހެކިވެރިއަކަށްވެ މުއިއްޒު ދޮގު ބަޔާންދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

ދައުލަތުން އެ މައްސަލަ ކޯޓަށް ހުށަހަޅައިފައިވަނީ ޖޫން 14، 2020 ގައެވެ. އެ މައްސަލަ ބެއްލެވުމާ ފުރަތަމަ ހަވާލުވި ގާޒީ އެހެން ކޯޓަކަށް ވަނީ ބަދަލުކޮށްފައެވެ. އަދި ދެވަނައަށް ހަވާލުކުރި ގާޒީ ވަނީ އެ މައްސަލައިން ތަނާޒުލްވެފައެވެ.

މިހާރު މި މައްސަލަ ބައްލަވާ ގާޒީ ސަފްއަތު ހަބީބު އަކީ މި މައްސަލަ ބެލުމާ ހަވާލުވި ތިން ވަނަ ގާޒީއެވެ.

comment ކޮމެންޓް